ޚަބަރު

ކޮޕާ އެމެރިކާ: ކޮލަމްބިއާ އަށް އެއްވަނަ، ބްރެޒިލް ކުއާޓާ އަށް


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި މިއަދު ހެނދުނު ކުޅުނު މެޗުތަކަށްފަހު ކޮލަމްބިއާ އިން ގްރޫޕުގެ އެއްވަނަ ހޯދިއިރު، ބްރެޒިލުން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކޮލަމްބިއާ އާ 1-1 އިން ބްރެޒިލް ވަނީ އެއްވަރުވެފައެވެ. ޕެރަގުއޭ އަތުން ކޮސްޓަ ރިކާ މޮޅުވީ 1-2 އިންނެވެ.

މި ނަތީޖާއެކު މި ގްރޫޕުގެ އެއްވަނައިގައި އުޅޭ ކޮލަމްބިއާ އަށް ތިން މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ބްރެޒިލް އޮތްއިރު، ތިނެއްގައި އޮތް ކޮސްޓަ ރިކާ އަށް ލިބުނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ޕެރަގުއޭ އަށް ޕޮއިންޓެއްނުލިބެއެވެ.

އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ ލެވީސް ސްޓޭޑިއަމްގައި ގާތްގަނޑަކަށް 70 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ބްރެޒިލުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ސީދާ ހިލޭޖެހުމަކުން ރަފީނިއާ އެވެ. މި ބޯޅަ ހުއްޓުވަން ކޮލަމްބިއާގެ ކީޕަރު، ކެމީލޯ ވާގަސް އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

ބްރެޒިލުން މި ލަނޑުޖެހުމުގެ ކުރީން، މެޗުގެ ފެށިގެން 8 ވަނަ މިނެޓުގައި ކޮލަމްބިއާގެ ކެޕްޓަން، ހަމޭސް ރޮޑްރިގޭޒް ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލައިފައެވެ. އޭނާ ހިލޭޖެހުމަކުން ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން، މެޗުގެ 16 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮލަމްބިއާ އިން އެއްވަރުކުރި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ޑެނިއެލް މުނޯޒް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ޖޮން ކޯޑޯބާ ދިން ބޯޅައަކުންނެވެ.

އޭގެފަހުން، މެޗުގެ 84 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ލަނޑެއްޖަހަން ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، މެޗުގެ އެންމެ ފަހުވަގުތު ކޮޅުގެ ތެރޭގައި ބްރެޒިލްގެ މިޑްފީލްޑަރު، އަންދްރެއަސް ޕެރޭރާ ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ކީޕަރު، ވާގަސް ވަނީ ހުއްޓުވައިފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބްރެޒިލްގެ ވިންގް، ވިނީޝަސް ޖޫނިއާ އަށް ދެއްކި ރީނދޫ ކާޑާ ގުޅިގެން ކުރިއަށް އޮތް ކުއާޓާ ފައިނަލް މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އޭނާ އަށް ނުކުޅެވޭނެ އެވެ. ބްރެޒިލުން ކުއާޓާގައި ނިކުންނަންޖެހެނީ މުބާރާތުގެ އެއް ފޭވަރިޓްކަމަށްވާ އުރުގުއޭއާ ދެކޮޅަށެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ކޮސްޓަ ރިކާ އިން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައެވެ. އެ ޓީމުން ލީޑްނެގީ ތިންވަނަ މިނެޓުގައި ފްރާންސިސްކޯ ކަލްވޯ ބޮލުން ވައްދާލި ލަނޑުންނެވެ. އޭގެ ހަތަރު މިނެޓުފަހުން، ޖޮސިމާ އަލްކޮސާ ކާމިޔާބުކުރި ގޯލާއެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

މެޗުގައި ފެނިގެންދިޔަ ޕެރަގުއޭގެ ހަމައެކަނި ލަނޑު، 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރާމޮން ސޯސާ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، މަތިއަސް ވިލަސަންޓީ ދިން ބޯޅައަކުން ސޯސާ ކާމިޔާބުކުރި ގޯލެކެވެ.