ޚަބަރު

ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ޕްރައިވެޓް ސެކްޓަރއިން މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު


  • ޗަމްޕާ ބްރަދަރސްއިންވަނީ 3 ރަށަކަށް ބޭނުންވާ ފިޒިއޮތެރަޕީ ވަޞީލަތް ފޯރުކޮށްދީފައި

  • ޗަމްޕާ ބްރަދަރސްއިން ކޯވިޑްގެ ތެރޭގައިވެސް ގިނަ ޚިދުމަތްތަކެއްވަނީ ކޮށްދީފައި

ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއިން ޞިއްޙީ ދާއިރާއިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަބަދުވެސް ނަމޫނާ ދައްކަމުންދާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޗަމްޕާ ބްރަދަރސްގެ ފަރާތުން 3 ރަށަކަށް ފިޒިއޮތެރަޕީ ވަޞީލަތްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޗަމްޕާ ބްރަދަރސްއިން ފިޒިއޮތެރަޕީ ވަޞީލަތްތައް ފޯރުކޮށްދިނީ ހއ.ހޯރަފުށީ، ޅ.ހިންނަވަރު އަދި ޅ.ކުރެންދޫއަށެވެ. މިތިން ރަށަށް ޕިޒިއޮތެރަޕީ ވަސީލަތްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަމިއްލަ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އެގޮތުން ފަހުގެ ތާރީޚެއްގައި ޞިއްޙީ ގޮތުން ކުރިމަތިވީ އެންމެ ވަރުގަދަ ޙާލަތަކީ ކޯވިޑްގެ ދުވަސްވަރުކަމަށާއި އެދުވަސްވަރުވެސް އަމިއްލަ ވިޔަފާރިތަކުން ނަމޫނާ ދައްކާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑްގެ ދުވަސްވަރު ޗަމްޕާ ބްރަދަރސްއިން ޓްރީޓޮޕް ހޮސްޕިޓަލް އަދި ޗަމްޕާ ސެންޓްރަލް ހޮޓެލް ރައްޔިތުންގެ ޚިދުމަތަށް އެއްވެސް ޝަރުތަކާއި ނުލާ ދޫކުރި ދޫކުރުމަކީ ޝުކުރު ޙައްގު ކަމެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.

"ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަމިއްލަ ވިޔަފާރިތަކުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދޭ. އަޅުގަނޑުގެ އުއްމީދަކީ ރައީސްގެ ވަޢުދުތައް ޚާއްސަކޮށް ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ތިބޭފުޅުންގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ލިބިގެންދިޔުން." ވަޒީރު ވިދާޅުވިއެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުންވަނީ ހއ.ހޯރަފުށީ، ޅ.ހިންނަވަރު އަދި ޅ.ކުރެންދޫ ރައްޔިތުންނަށް ފިޒިއޮތެރަޕީއަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީފައެވެ. މިތަކެތި ޙަވާލުކޮށްދެއްވީ ޗަމްޕާ މުޙައްމަދު މޫސާގެ ދަރިކަނބަލުން ސާރާ މޫސާއެވެ. އަދި އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން މިތަކެއްޗާއި ޙަވާލުވީ ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެމްބަރުންނެވެ.

ފިޒިއޮތެރަޕީއަކީ ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނާއި އެކްސިޑެންޓުތަކުގެ ސަބަބުން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ނުހަނު ބޭނުންވާ ބައެއްނަމަވެސް ގިނަ ރަށްރަށުގައި މިޚިދުމަތް އަދި ޤާއިމުވެފައެއްނެތެވެ. އެހެންކަމުން ޗަމްޕާ ބްރަދަރސްގެ ފަރާތުން ފޯރުކޮށްދިން މިސާމާނުގެ އެހީގައި އެ 3 ރަށާއި އަދި އެރަށްރަށުގެ ކައިރިން ޚިދުމަތް ހޯދުމަށް ބޭނުންވާ ރައްޔިތުންނަށްވެސް ބޮޑު ފަސޭހައެއް ވެގެންދާނެއެވެ.

ޗަމްޕާ ބްރަދާސްއިންދަނީ އިޖުތިމާޢީ އެކި ކަންކަމުގައި ރައްޔިތުންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ ރަމަޟާން މަހާއި ދިމާކޮށް ކާށްޓައި ކަރާ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.