ޚަބަރު

119 ކިލޯ މަސްތުވާތަކެތި މައްސަލައިގައި ހިމެނޭ ސުނައިނުގެ މައްސަލަ އިސްތިއުނާފް ކުރަނީ


  • މިމައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރި

  • މީގެ ތެރެއިން ކުށް ސާބިތުވީ އެކެއްގެ މައްޗަށް

  • ޕީޖީންވަނީ މުޖާހިދުގެ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމާފައި

2021 ވަނަ އަހަރު ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުނުވި ދެމީހުން ތެރެއިން އެކެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ޕީޖީން އިސްތިއުނާފް ކުރަން ނިންމާފައިވަނީ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަޙްމަދު ސުނައިންގެ މައްސަލައެވެ. ސުނައިންގެ މައްސަލަ އިސްތިއުނާފް ކުރަން ނިންމީ ޙުކުމަށް ވާޞިލުވި ސަބަބުތަކާއި، މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް ކަމަށް ޕީޖީން އޮފީހުން ވިދާޅުވެއެވެ.

އަޙްމަދު ސުނައިނާއި، ދެން މިމައްސަލައިގައި ހިމެނޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަޙްމަދު މުޖާހިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ. އެހެންނަމަވެސް އެދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުންވަނީ ނިންމާފައިވެއެވެ. ޕީޖީ އޮފީހުން ވިދާޅުވީ މުޖާހިދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމަފައިވާ ނިންމުމަށް ބަދަލުގެނެވިދާނެކަމަށް ނުފެންނާތީ އޭނާގެ މައްސަލަ އިސްތިއުނާފް ނުކުރަން އެއޮފީހުން ނިންމާފައިވާ ކަމަށެވެ.

119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެއެވެ. އޭގެ ތެރެއިން ކުށް ސާބިތުވެފައިވަނީ އެކެއްގެ މައްޗަށެވެ. އެއީ ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، ޢަލީ ޒުބެއިރުއެވެ. އޭނާ ޢުމުރަށް ޖަލަށްލުމަށާއި، 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިދިޔަ މާރިޗު މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޕީޖީން ވިދާޅުވީ މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ 08 ޖުލައި 2024 އަށް ކަމުން، އެ ތާރީޚްގެ ކުރިން އިސްތިއުނާފު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.