ދުނިޔެ

ބަޣްދާދުގެ އުތުރަށް ދިން ޙަމަލާއެއްގައި 11 މީހުން މަރުވެއްޖެ


އައިއެސް ޖަމާއަތުން އިރާގުގެ ވެރިރަށް ބަޣްދާދުގެ އުތުރުގައިވާ ގޭސް ޕްލާންޓަކަށް ބޮމުގެ ޙަމަލާއެއްދީ 11 މީހުން މަރާލައިފިއެވެ.

އިރާގުގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން މި ޙަމަލާދީފައިވަނީ ކާރުބޮމެއް ގޮއްވާލައިގެންނެވެ. މިޙަމަލާގައި މަރުވި އެގާރަމީހުންގެ ތެރޭގައި އިރާގުގެ ފުލުހުންގެ ބައެއްމީހުންވެސް ހިމެނޭކަމަށާ މިޙަމަލާއާ ގުޅިގެން ގޭހުގެ ސަޕްލައި ވަގުތީގޮތުން ހުއްޓިފައިވާ ކަމަށްވެސް އިރާގުން ބުނެއެވެ. އައިއެސް އިން ބަޣްދާދުގެ އުތުރުގެ ގޭސް ޕްލާންޓަށް ދިން ޓެރަރިސްޓް ޙަމަލާއަކީ އެޖަމާއަތުގެ ޙަމަލާއެއްކަމަށް ބުނެފައިވެއެވެ.

އައިއެސް ޖަމާއަތުން އިންޓަރނެޓްގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޙަމަލާދިނީ އެޖަމާއަތުގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ކަމަށެވެ. އަދި ބޮމުގެ ޙަމަލާއަށްފަހު އެޖަމާއަތުގެ ހަނގުރާމަވެރިން ގޭސް ފެކްޓްރީއަށް ބަޑިން ވަރުގަދަ ޙަމަލާތަކެއް ދިންކަމަށްވެސް އައިއެސް އިން ނެރުނު ބަޔާން ބުނެއެވެ. މިދިޔަ ހަފްތާގައި އައިއެސް އިންވަނީ ބަޣްދާދުގެ 3 ސަރަޙައްދެއްގައި ކާރު ބޮންތަކެއް ގޮއްވާލައި 80 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ.