ޚަބަރު

ނެދަލެންޑްސް ކައިރިން ސަލާމަތް ވެވޭނީ ވަރަށް މޮޅު ކުޅުމަކުން: އިއޮޑަނެސްކޫ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގެ ބުރުގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ ބުނީ، ނެދަލެންޑްސް ކައިރިން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި އޭނާގެ ޓީމުން ވަރަށް ފުރިހަމަ ކުޅުމަކާ ގާތަށް ކުޅެން ޖެހޭނެ ކަމަށެވެ.

އަދި ނެދަލެންޑްސް އެންމެ ފަހުން އޮސްޓްރިއާ އާ ދެކޮޅަށް ދެއްކި ކުޅުމާމެދު މާބޮޑަށް ނުވިސްނުމަށް ވެސް އިއޮޑަނެސްކޫ ބުންޏެވެ. އިއޮޑަނެސްކޫ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށާއި، ހާއްސަކޮށް ކުއާޓާ ފައިނަލަށް ދިއުމަށްޓަކައި ކުޅޭ މެޗުވެސް ވާނީ އުނދަގޫ މެޗަކަށް ކަމަށް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ. އަދި މެޗަށް ނިކުންނައިރު ނެދަލެންޑްސް އަކީ ފޭވަރިޓް ކަމަށާއި، އެ ޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިން އެބަތިބި ކަމަށް ވެސް އިއޮޑަނެސްކޫ ބުންޏެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަކީ ތާރީޚީ މެޗެއް ކަމަށާއި، ތާރީޚު ބަދަލުކޮށްލުމަށް ނުވަތަ ޔޫރޯގެ މުބާރާތެއްގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީއާ އެއްވަރުކުރުމަށް ވެސް އެ ޓީމަށް ފުރުޞަތު އެބައޮތް ކަމަށް ވެސް އިއޮޑަނެސްކޫގެ ވާހަކައިގައި ފާހަގަކުރިއެވެ.

އޭނާގެ ޓީމުގެ މޯޓިވޭޝަން ހުރީ ވެސް މެޗު ކާމިޔާބުކޮށް، ތާރީޚު ބަދަލުކޮށްލުމަށް ކަމަށާއި، މިހާތަނަށް ދެކެމުންއައި ހުވަފެނަކީ ވެސް އެއީ ކަމަށް އިއޮޑަނެސްކޫ ބުންޏެވެ.

ކުއާޓާ ފައިނަލުން ޖާގަ ހޯދުމާ ގުޅޭގޮތުން އިއޮޑަނެސްކޫ ބުނީ، އެކަން ކުރެވިއްޖެނަމަ ވާނީ ވަރަށް ބޮޑު ކާމިޔާބީއަކަށް ކަމަށާއި، ދުލުން ބަޔާންކުރަން އުނދަގޫވާނެ ކަމަށެވެ. އަދި އެންމެ ބޮޑަށް ސަމާލުކަންދޭނީ ވަރަށް ވަރުގަދައަށް ކުޅެ، ޑިސިޕްލިންކޮށް، އޯގަނައިޒްކޮށް ކުޅެ ނިންމުންތައް ރަނގަޅުކޮށްލުމަށް ކަމަށާއި، އޭރުން މެޗު ނިމިގެންދާނީ ރުމޭނިއާ ބޭނުންވާ ގޮތަށް ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ބުނެފައެވެ.

މިފަހަރުގެ ޔޫރޯގައި ކޮންމެ ކަމެއް ގޯސްކޮށް ހިނގައިދިޔަކަމަށް ވިޔަސް އެކަމުގެ ފުރިހަމަ ޒިންމާ ނަގާނީ އޭނާ ކަމަށް ކުޅުންތެރިންގެ ގާތުގައި މުބާރާތުގެ މާކުރިން ބުނެފައިވާނެ ކަމަށް ވެސް އިއޮޑަނެސްކޫ ވަނީ ފާހަގަކޮށްފައެވެ.

މުބާރާތުގެ ގަދަ 16ގެ ބުރުގައި ނެދަލެންޑްސްއާ ރުމޭނިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 9 ޖަހާއިރު އެވެ.

"
އަހަރެންގެ އަމާޒަކީ އެމީހުން އިތުރަށް ފޯކަސްކޮށް، ދަނޑުމަތީގައި އެންމެ މޮޅު ކުޅުން ދެއްކުމަށް ބާރުއެޅުން.
ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ