ޚަބަރު

ހުޅުމާލޭ ޖަލު އޮފިސަރަކަށް ހަމަލާ ދިން ދެ މީހުން ހައްޔަރުކޮށް ތަޙުޤީޤު ނިމެންދެން ބަންދަށް


  • ޖަލު އޮފިސަރަށް ހަމަލާ ދިނީ ފާރަލައިގެން މަގުމަތިން ދިމާކޮށް

  • އެ ދެމީހުން ތަޙުޤީޤު ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ނިންމާފައި

ހުޅުމާލޭ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކަށް މަގުމަތިން ހަމަލާ ދިން މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، މިރިހިމާގޭ އުމުރުން 24 އަހަރުގެ އަޙްމަދު ޢިޔާޒާއި، ގއ. މާމެންދޫ، ގްލޭނޫރަންމާގެ އުމުރުން 26 އަހަރުގެ އަޙްމަދު ރަބީޢުއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. ހުޅުމާލޭ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނުކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާ ލިބިފައެއްނުވެއެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަޙައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަޙައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުންކަން ފުލުހުންގެ ތަޙުޤީޤަށް ކަށަވަރުވެފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން ޢިޔާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ރަބީޢު، ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، މިދިޔަ މަހު 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަޙުޤީޤު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.