ޚަބަރު

އިޤްތިޞާދުގެ ވިސްނުންތައް ބިނާވެފައިވަނީ އެއަރޕޯޓުގެ ތަރައްޤީއަށް


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ޤައުމުގެ އިޤްތިޞާދީ ތަރައްޤީގެ އުންމީދުތަކުގެ ފެށުން ކަމަށާއި، އިގްތިސާދީ ދުވެއްޔާއި، އިގްތިސާދި ވިސްނުންތައް ބިނާ ވެފައިވަނީ އެއަރޕޯޓްގެ ތަރައްޤީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓަށް 50 އަހަރުން ފުރުން ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވީ، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ދަތުރުގެ ރަމްޒީ ނިޝާނެއްކަމަށެވެ. އަދި އޭރުވެސް، މިހާރުވެސް ދިވެހިންގެ އަމިއްލަ ވަންތަކަމާއި މިނިވަންކަމާއި ގުޅިފައިވަނީ ދިވެހިންގެ އެއަރޕޯޓުކަމަށާއި އެއަރޕޯޓަކީ ޤައުމުގެ އިގްތިޞާދީ ތަރައްޤީގެ އުންމީދުތަކުގެ ފެށުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއެއަރޕޯޓް ބޭރުގެ ބައެއްގެ އަތް މައްޗަށް ދިއުމަކީ މުޅި ޤައުމަށް ލިބުނު ދެރައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް އެޤައުމުތަކުގެ އިޤްތިޞާދުގެ މައިތަނބުކަމުގައި ބަލަނީ އެއަރޕޯޓްކަމަށާއި، އެއަރޕޯޓް ތަރައްޤީކުރެވިގެން ނޫނީ، އެހެން އެއްވެސް ސިނާއަތެއް ތަރައްޤީނުކުރެވޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިނިވަން އިޤްތިޞާދެއް އޮތުމަށާއި ތަރައްޤީގެ އެހެން ބައެއް ކަންކަން ހާޞިލުކުރުމަށްވެސް އެއަރޕޯޓުގެ ތަރައްޤީކުރުން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ.

އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި އެއަރޕޯޓަށް 35 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަދަނީ ފިލާ ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ މިޖަލްސާގައި އެއަރޕޯޓަށް 50 އަހަރު ފުރުމާއި ގުޅިގެން ކޯޕަރޭޓް ހަދިޔާއެއް އަރުވާފައެވެ.