ޚަބަރު

އެޗްޑީސީގެ ކަސްޓަމަރުންނާ ގުޅޭ މަޢުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ދައުރުވާތީ މައްސަލަ ބަލަނީ


  • އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖުތައްވެސް ދަނީ ދައުރުވަމުން

  • މެސެޖުގައިވާ ލިންކްތަކަށް ނުވަނުމަށް ވަނީ އިލްތިމާސްކޮށްފައި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ކަސްޓަމަރުންނާ ގުޅޭ މަޢުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ފުލުހުންނާ ގުޅިގެން ތަޙުޤީޤުކުރަމުންދާކަމަށް އެ ކޯޕަރެޝަނުން ބުނެފިއެވެ.

ދަޢުރުވަމުން ދަނީ އެޗް.ޑީ.ސީއާއެކު ކޮށްފައިވާ މުޢާމަލާތްތަކާ، ކަސްޓަމަރުންނާއެކު ހަދާފައިވާ ބައެއް އެގްރިމަންޓްތަކުގެ މަޢުލޫމާތުތަކެކެވެ. އެޗް.ޑީ.ސީން ބުނީ މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސް، އިތުރަށް ތަޙުޤީޤުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މީގެ އިތުރުންވެސް އެޗް.ޑީ.ސީގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ މައްސަލަވެސް ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެކަމާމެދު އާއްމުން ސަމާލުވުމަށް އެޗް.ޑީ.ސީން ވަނި އިލްތިމާސްކޮށްފައެވެ. މިގޮތަށް ފޮނުވާ މެސެޖުތަކުގައި ހުންނަނީ އެޗް.ޑީ.ސީގެ ހައުސިންގ ސްކީމްތަކުގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށް ބުނެ ފޮނުވާ ލިންކްތަކެކެވެ.

މިކަމާގުޅިގެން އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ލިބެމުންދާ މެސެޖުތަކަކީ އެ ކޯޕަރޭޝަނުން ފޮނުވާ މެސެޖުތަކެއް ނޫންކަމަށާ، އެގޮތަށް ދައުރުވާ މެސެޖުތަކަށް ހުރިހާ ކަސްޓަމަރުންވެސް ސަމާލުވުމަށް އެދޭކަމަށެވެ.

ނިމުނު ހަފްތާގައި ވަނީ ވިނަރެސް ފްލެޓްތަކުން މިހާތަނަށް ނުވިކި ހުރި ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށް ބުނެ ސްކޭމް ލިންކް މެސެޖުތަކެއް ދައުރުވެފައެވެ. ސްކޭމް ލިންކް މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް، ފްރެންޑް ލިސްޓުގައި ހިމެނޭ މީހުން އަތުން ފައިސާ ހޯދަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

އެޗް.ޑީ.ސީން ބުނީ ކަސްޓަމަރުންގެ މަޢުލޫމާތާއި ސެކިއުރިޓީ ކަންކަމަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. އަދި ކޯޕަރޭޝަންގެ ނަމުގައި އެގޮތަށް ލިބޭ ސްކޭމް މެސެޖުތަކަށް ކަސްޓަމަރުން ސަމާލުވުމާ، އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑިތައް އެއްވެސް މީހަކާ ޙިއްސާ ނުކުރުމަށް އެޗް.ޑީ.ސީން ވަނީ އެދިފައެވެ.