ޚަބަރު

ކުޑަކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއް ގާއިމުކޮށްފި


  • މި އެއްބަސްވުން ގާއިމުކުރީ ތަޢުލީމީ ވުޒާރާއާއި ޑީއެންއާރާ ދެމެދު

  • އެއްބަސްވުމުގެ ދަށުން ކުދިންނާ ގުޅޭ މަޢުލޫމާތު ތަޢުލީމީ ވުޒާރާއަށް ފަސޭހައިން ލިބޭނެ

ކުޑަކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން، ތަޢުލީމީ ވުޒާރާއާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތަޢުލީމީ ވުޒާގާއި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޢަލީއެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ، ތަޢުލީމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުޑަކުއްޖެއްގެ ޢުމުރުން 4 އަހަރު ފުރުނީއްސުރެ، ޢުމުރުން 18 އަހަރު ފުރެންދެން ނުވަތަ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 ނިމެންދެން ތަޢުލީމު ލިބުމުގެ ޙައްޤު ކަށަވަރު ކޮށްދިނުންކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި އެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދެ އިދާރާގެ ޒިންމާތައް ވަނީ ކަނޑައަޅާފައެވެ.

ކޮންމެ ކުއްޖަކަށް އުނގެނުމު ޙާއްޤު ކަށަވަރުކޮށްދިނުމުގެ ގޮތުން، ޔޫކޭޖީއިން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ތަޢުލީމު ލިބިގަތުމަކީ ތަޢުލީމީ ޤާނޫނުގެ ދަށުން ކަށަވަރުކޮށްދޭންޖެހޭ ޙައްޤެކެވެ.

ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ދާއިރާއަކީ ސަރުކާރުން އެންމެ ބޮޑު ހޭދައެއްވެސް ކުރަމުންދާ އެއް ދާއިރާއެވެ. އެގޮތުން މި ހިނގާ އަހަރަށް ކަނޑައެޅި ބަޖެޓުގައިވެސް ތަޢުލީމީ ދާއިރާއަށް ވަނީ 5.2 ބިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މީގެތެރޭގައި މަތީ ތަޢުލީމަށް ކުރާ ހޭދަ ހިމެނެއެވެ.