ޚަބަރު

ޘާނަވީ ގްރޭޑްތަކަށް އިނގިރޭސިބަސް ކިޔަވައިދޭ 55 މުދައްރިސުން ތަމްރީންކޮށްފި


  • ދެވަނަބުރުގައި 58 މީހުން ތަމްރީންކުރާނެ

  • މިއީ މުދައްރިސުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ޘާނަވީ ގްރޭޑްތަކަށް އިނގިރޭސި ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ)" ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ޘާނަވީ ގްރޭޑްތަކަށް އިނގިރޭސި ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިމަހުގެ 23 އިން 27އަށެވެ. މި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލު ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުޙައްމަދެވެ.

2 ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މިތަމްރީނުގެ ފުރަތަމަ ބުރުގައި 55 ބޭފުޅުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިތަމްރީންގެ 2 ވަނަ ބުރުގައި 58 ފަރާތެއް ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ)ގެ އެހީގައި ކުރިއަށްގެންދާ މިޕްރޮގްރާމަކީ، އިނގިރޭސި މާއްދާ ކިޔަވައިދެއްވާ މުދައްރިސުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިމޭއިރު ޘާނަވީ ގްރޭޑްތަކަށް އިނގިރޭސި މާއްދާ ކިޔަވައިދެއްވާ މުދައްރިސުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް 113 ޓީ.އޯ.ޓީން ތަމްރީންކުރުމަށް ހަމަޖެހިފައިވާކަމަށް ތަޢުލީމާބެހޭ ވުޒާރައިން ވިދާޅުވެއެވެ.