ދުނިޔެ

" އެކި ސަބަބުތަކާއި ހުރެ ގިނަ އާއިލާތައް އުޅެނީ ހާލުގައި "


މިއަހަރުގެ ޢާއިލާތަކުގެ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި އެކިކަހަލަ ހަމަނުޖެހުމާއި ޙާދިސާތަކުގެ ސަބަބުން ގިނަ ޢާއިލާތަކެއް ދަތިތަކާއި އުނދަގޫތަކާއި ކުރިމަތިލަމުންދާ ދަޑިވަޅެއްގައިކަމަށް އދގެ ސެކްރެޓަރީ ޖެނަރަލް ބަންކީ މޫން ވިދާޅުވެއްޖެއެވެ. 

ދުނިޔޭގެ އާއިލާތަކުގެ ދުވަހާއި ގުޅުވައިގެން ބަންކީ މޫން ދެއްވި ބަޔާނުގައި މުޖުތަމަޢުއެއްގެ އަދި ދުނިޔޭގެ ކުރިއެރުމުގައިވެސް ޢާއިލާތަކުން އަދާކުރާ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ޤާއިމްކޮށް، ދުނިޔޭއާއި ވަކިވަކި ޤައުމުތައް އަދި މުޖުތަމައުތައް ކުރިއަރުވާ ތަރައްޤީކުރުމަށްޓަކައި ޢާއިލާއެއްގެ ކޮންމެ މީހަކުވެސް އަދާކުރާ ރޯލް އެންމެ ފުރިހަމައަށް އާދާކުރެވޭނެ ފަދަ މާޙައުލެއް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމަށް ބަން ފާހަގަކުރެއްވިއެވެ. ބަންކީމޫން ވިދާޅުވީ މިއަހަރުގެ ޢާއިލާތަކުގެ ދުވަސް ފާހަގަކުރަމުން މިދަނީ އެކިއެކި ޙާދިސާތަކާއި މައްސަލަތަކާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ހާސް ޢާއިލާތަކެއް ދަތިއުނދަގޫތައް ތަޙައްމުލްކުރަމުންދާ ދަޑިވަޅެއްގައިކަމަށެވެ. އަދި ދާޚިލީ ހަނގުރާމަތަކާއި، ހައްދުފަހައަޅައިގެން ދިއުމުގެ ޢަމަލުތަކުގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ގިނަ ޢާއިލާތަކެއް އަމިއްލަ ގެތަކާއި ޤައުމު ދޫކުރަން ޖެހުމާއި، ތިމާވެށީގެ މައްސަލަތަކުގެ ސަބަބުންނާއި، އެހެނިހެން ދަތިތަކާއި މައްސަލަތަކުގެ ސަބަބުން ގިނަ ޢާއިލާތަކެއް ޙާލުގައިޖެހި ނުރައްކާތަކާއި ކުރިމަތިލަމުންދާކަމަށް އދ. ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14633235090868.jpg|ހާލުގައިޖެހިފައިވާ ރެފިއުޖީ އާއިލާއެއް /

މީގެއިތުރުން ހަމަޖެހޭ މުޖުތަމަޢުތަކުގައިވެސް ޢާއިލާތަކުން ފަޤީރުކަމާއި، ތަފާތުކުރުންތައް އަދި އެހެނިހެން ދެރަ ކަންކަމާއި ކުރިމަތިލަމުންދާކަމަށް ބަންކީމޫން ވިދާޅުވިއެވެ.ބަން ވިދާޅުވީ 2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ ޙާޞިލްކުރުމުގައި ޢާއިލާތަކަކީ ކުރީ ސަފުގައި މުހިންމު ރޯލެއް އަދާކުރާ ބައެއްކަމަށެވެ. މިގޮތުން 2030 ގެ ތަރައްޤީގެ އެޖެންޑާގެ 3 ވަނަ ނުކުތާކަމަށްވާ ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމުގެ ނުކުތާ ޙާޞިލްކުރުމަށްޓަކައި ޢާއިލާތަކުގެ ހުރިހާ ޢުމުރުފުރައެއްގެ މީހުންގެ ރޯލް މުހިންމުކަން ބަން ފާހަގަކުރެއްވިއެވެ. ބަންކީ މޫން ވިދާޅުވީ ކުޑަކުދިން އެމީހުންގެ އަސްލު ކާމިޔާބީ ޙާޞިލްކުރުމަށް އެކުދިންނަށް ލޯތްބާއި އަޅާލުން، ރަނގަޅު ޞިއްޙީ ފަރުވާއާއި، އެހެންހިން އާންމު ޚިދުމަތްތައް ބޭނުންވާކަމަށެވެ. އަދި ބައެއް މުޖުތަމަޢުތަކުގައި އަދިވެސް ޢާއިލާތަކުގެ ތެރޭގައިވެސް އަންހެން ކުދިންނާއި އަންހެނުނަށް ތަފާތުކުރުންތައް ގިނަކަމަށް ބަންކީ މޫން ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14633235225251.jpg|ރެފިއުޖީ އާއިލާއެއް /

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ޢާއިލާތަކުގައާއި މުޖުތަމަޢުގައިވެސް ދުވަސް މީހުންގެ ރޯލް އިތުރުކޮށް، އެމީހުންނަށް ލޯތްބާއި އަޅާލުން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ސެކްރެޓްރީ ޖެނެރަލް ވިދާޅުވީ ޢާއިލާއެއްގެ ކޮންމެ މީހަކީވެސް މުހިންމު މީހެއްކަމަށެވެ. އަދި އެއިން ކޮންމެ މީހެއްވެސް ޤައުމެއްގެ ނުވަތަ މުޖުތަމައުއެއްގެ ކުރި އެރުވުމަށް މުހިންމު ރޯލެއް އަދާކުރާކަމަށެވެ. އަދި ޢާއިލާތުގެ މުހިންމުކަން ދެނެގަނެ، ދުޅަހެޔޮ ޢާއިލާތަކެއް ބިނާކުރުމަށް ސަރުކާރުކާރުތަކާއި، ސަރުކާރުގެ ކުންފުނިތައް، ވިޔަފާރިތަކާއި، އެހެނިހެން ފަރާތްތަކުން މުހިންމު ރޯލެއް އަދާކުރާކަމަށާއި ޢާއިލާތަކުގެ ކުރިއެރުމަށް އެހީތެރިވެ، މަގުފަހިކޮށްދިނުމަށް ހުރިހާ ފަރާތްތަކަކަށް ބަންކީމޫން ގޮވާލެއްވިއެވެ. އަދި ދުޅަހެޔޮ ޢާއިލާތަކެއް ބިނާކުރުމަށް އެހީތެރިވާނެފަދަ ޤާނޫނުތަކާއި، ޤަވާޢިދުތައް އަދި ސިޔާސަތުތައް އެކުލަވާލުމަށް ސަރުކާރުތަކަށް ބަންކީމުން ގޮވާލެއްވިއެވެ. 

img:http://s1.psmnews.mv/images/660x400/14633235395104.jpg|ރެފިއުޖީ އާއިލާއެއް /

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މުޖުތަމަޢުތަކަށް ފައިދާކުރާފަދަ ދަރިންތަކެއް ބިނާކުރެވޭނީ ޢާއިލާއެއްގެ އެންމެންގެ ޙައްޤުތައް ޙިމާޔަތްކޮށް، ކޮންމެ މީހަކަށްވެސް ބޭނުންވާ ލޯތްބާއި އަޅާލުން އަދި މުހިންމު ޢާންމު ޚިދުމަތްތައް ދީގެންކަމަށެވެ. އދ.ން ބައިނަލްއަޤްވާމީ ޢާއިލާތުގެ ދުވަހުގެ ގޮތުގައި 15 މޭ ކަޑައަޅައި، މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރެވެ. ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ޢާއިލާތަކަށް ދިމާވާ މައްސަލަތަކުގެ މައްޗަށް އާންމުން ހޭލުންތެރިކޮށް، އިޖްތިމާޢީ، އިޤްތިޞާދީ އަދި މުޖުތަމަޢްއެއްގައި ހިމެނޭ އެހެނިހެން ކަންކަމުގެ ސަބަބުން ޢާއިލާތަކަށް ކުރާ އަސަރުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމެވެ.