ޚަބަރު

ސްލޮވީނިއާ ވަރަށް އޯގަނައިޒްވާނެ، ބަލިކުރެވޭނީ ޕޯޗުގަލްގެ އެންމެ މޮޅު ކުޅުން ކުޅެގެން: މާޓިނޭޒް


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ ސްލޮވީނިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން، ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނީ، މިފަހަރުގެ މުބާރާތުގައި ވާދަކުރާ ގިނަ ޓީމުތަކަކުން މޮޅުވެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި، ކޮންމެ މެޗެއްގެ ނަތީޖާވެސް ބަރޯސާވެފައިވަނީ އެންމެ ކުދި ތަފްޞީލްތަކުގެ މައްޗަށް ކަމަށެވެ. ސްލޮވީނިއާ އަކީ ވެސް އެފަދަ މިސާލެއް ކަމަށާއި، އެމީހުންނަކީ ވަރަށް އޯގަނައިޒްކޮށް، ވާދަވެރި ކުޅުމެއް ކުޅޭ ޓީމަކަށްވުމުން ޕޯޗުގަލްގެ އެންމެ މޮޅު ކުޅެގެން ނޫން ގޮތަކަށް އެ ޓީމުގެ މައްޗަށް ކުރިނުހޯދޭނެ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޔޫރޯގައި ކުޅެން ފަސޭހަ ނޫނަސް، މިހާތަނަށް ކުޅުނު ތިން މެޗަށްފަހު ޓީމެއްގެ ގޮތުގައި ނޮކްއައުޓް ބުރަށް އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް މާޓިނޭޒް ބުންޏެވެ. އޭނާ ވެސް ނޮކްއައުޓް ބުރު ސިފަކުރަނީ މިއީ މުބާރާތުގެ ތެރެއިން ކުޅެވިގެންދާ އިތުރު މުބާރާތެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ވާދަކުރުމަކީ ސްލޮވީނިއާ އަށް އެ ގައުމުގެ ފުޓްބޯޅައިގައި ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށާއި، އެ ޓީމާއެކު ކޯޗު ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ހައްގު ކަމަށާއި، އެ ޓީމުން ކުޅެނީ ކްލަބެއް ފަދައިން ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.

ނިންމާލަމުން މާޓިނޭޒް ވަނީ، ޕޯޗުގަލް އޮތީ އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، އިތުރު ސުވާލުތަކަށް ޖަވާބުދޭނީ މުބާރާތުގެ ފައިނަލް މެޗަށް ފަހުގައި ކަމަށެވެ.

ބްރޫނޯ ފެނާންޑޭސް ވަނީ، ތަށި ހޯދުން ނޫން ނަތީޖާއަކާ މެދު ހިތްހަމަނުޖެހޭނެ ކަމަށާއި، އެއްވެސް ޓީމަކުން އަވަހަށް އެނބުރި ގައުމަށް ދާކަށް ބޭނުމެއް ނުވާނެ ކަމަށް ވެސް ބުނެފައެވެ. ޕޯޗުގަލްގެ ހަގީގީ ފެންވަރު އޭނާ އަށް އެނގޭ ކަމަށާއި، ކޮންމެ ޓީމަކުން ވެސް މުބާރާތުގައި ވީ އެންމެ ދުރަށް ދާން ބޭނުންވާ ފަދައިން ޕޯޗުގަލްގެ އުއްމީދަކީ ފައިނަލް ކަމަށް ވެސް ފެނާންޑޭސް ބުންޏެވެ.

ޕޯޗުގަލްއާ ސްލޮވީނިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.

"
އަހަރެމެން ބޭނުންވަނީ ހުރިހާ މެޗަކުން މޮޅުވެ، މުބާރާތުގެ ފައިނަލަށް ދަތުރުކޮށް އެ މެޗު ވެސް ކާމިޔާބުކުރަން.
ޕޯޗުގަލްގެ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް