ޚަބަރު

މި ހަފުތާގައި މަސް ގަންނަ އަގު މިފްކޯއިން އާންމުކޮށްފި


  • އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި 16 ރުފިޔާއަށް

  • އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް

މި ހަފުތާގައި މިފްކޯއިން މަސް ގަންނަ އަގުތައް އެ ކުންފުނިން އާންމުކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޖުލައި އެކަކުން 5 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން މައުލޫމާތުދެއްވިއެވެ.

މިފްކޯއިން މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުންނަ އަގަށް ބަދަލުކުރަން ނިންމީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްކަމުގައި ނުވާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން މަސްވެރިންނަށް ފައިސާ ދިނުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް، މިފްކޯއިން މަސް ގަންނަ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށްކަމަށް މިފްކޯއިން ބުނެއެވެ. މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.