ޚަބަރު

ފިޗުން ރާއްޖޭގެ ރޭޓިންގ ދަށްކުރީ، ކުރީގެ ސަރުކާރުން މުހިންމު ފިޔަވަޅުތައް ނޭޅުމުން: މާލީ ވުޒާރާ


  • ވެރިކަން ނިމުނުއިރުވެސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒު ނުކުރޭ

  • ދައުލަތުގެ ޚަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރީ ކުރީ ސަރުކާރުން ވެރިކަމުގެ ދައުރު ނިމުނު އިރުވެސް2 ޚަރަދުކުޑަކުރުމަށް އަޅަންޖެހުނު މުހިއްމު ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތާއި ފިސްކަލް ހިރާސްތަކާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހަޤީގަތް އޮޅޭގޮތަށް ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ. އަމީރު މާލީ ވުޒާރާ ބަދުނާމުވާގޮތަށް ދައްކަވާފައިވާ ވާހަކަތަކާމެދު ހިތާމަކުރާކަމަށް އެ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މާލީ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދަކީ ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު އެންމެ އަވަހަށް އިޔާދަވި އެއް އިޤްތިސާދުކަމަށްވާއިރު، މިއަހަރާއި މެދުރާސްތާގައިވެސް ރާއްޖޭގެ އިޤްތިސާދު ހަލުވިކަމާއެކު ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އޭރުވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތަކެއް ހުރިއިރު މާލީ ވުޒާރާއިން 2022 އަދި 20233 ވަނަ އަހަރުގެ ތެރޭގައި ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓް ފޮތްތަކުގައި ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ 2022 ވަނަ އަހަރު ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެސްފައިވަނީ ހާލަތު ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ކޯވިޑުގެ ހާލަތުން އަރައިގަނެވުނުއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރަން އަޅަންޖެހުނު އެންމެ މުހިންމު ފިޔަވަޅު ކުރީ ސަރުކާރު ނިމުނުއިރުވެސް އަޅާފައި ނުވާކަމަށް ވަނީ ވިދާޅުވެފައެވެ. އެއީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތައް ކުރީ ސަރުކާރުން ތަންފީޒުނުކޮށް ހުރުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވި ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ވަނަ އަހަރު ފާހަގަކުރި ކަމަށްވެސް ވިދާޅުވިއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބަކީ ވެސް ކުރީ ސަރުކާރުން އެ ފިޔަވަޅުތައް ނާޅައި ދިގުލައިގެން ދިއުންކަމަށް މާލީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ޚަރަދުކުޑަކުރާނެ ކަމަށް ބަޔާންކޮށް، ފްރޭމްވަރކެއް ތައްޔާރުކި ނަމަވެސް ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރުވެސް އޭގެ ތަފްޞީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތްކަމަށެވެ. އެ އިސްލާހުތަކާ ގުޅޭ ތަފްސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، އަދި މުސްތަގުބަލާ ގުޅޭ ކަމަކަށްވާތީ އެ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް މާލީ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.