ޚަބަރު

ނޭދެވޭ ކަންކަމުން ކުދިން ދުރުހެލިކުރުމަށް މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ސާޖިދާ


  • ކޮންމެ އަހަރެއްގެވެސް ޖޫންމަހަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ޕޭރެންޓިންގ މަސް

ކުޑަކުދިން އެންމެ އިތުބާރުކުރާ ފަރާތަކަށް މައިންބަފައިންވެއްޖެނަމަ މުޖުތަމަޢުގެ ތެރޭގައި ހުރި ނޭދެވޭ ކަންކަމުން ކުދިން ސަލާމަތްކުރުމުގައި ބޮޑު ބާރަކަށްވެގެންދާކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ "ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ މަސް" ނުވަތަ ޕޭރެންޓިން މަންތާއި ގުޅުވާ ދެއްވި ޚާއްސަ މެސެޖެއްގައެވެ.

މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ރަނގަޅު ގޮތުގައި ކުދިން ތަރުއްބިޔަތުކުރުމަށް މައިންބަފައިންނާއި ދަރިންނާއި އޮންނަ ގުޅުން ބަދަހިވާންޖެހޭކަމަށެވެ. އަދި މިގުޅުން ބަދަހިކުރުމަށް އެކި ގޮތްގޮތުން ބެލެނިވެރިން މަސައްކަތް ކުރަންޖެހޭކަން ސާޖިދާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އެކި ޢުމުރުގެ ކުދިންނާއި މިގުޅުން އުފެއްދުމަށް ބެލެނިވެރިން އަދާކުރާ ރޯލު ތަފާތުކަންވެސް ސާޖިދާ ފާހަގަކުރެއްވިއެވެ.

އެގޮތުން ފުރާވަރުގެ ކުއްޖަކާއެކު މަސައްކަތްކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަޙުމަތްތެރިޔާކަމުގައި އެކުއްޖާއަށް ވިސްނޭނެހެން އުޅުމަކީ ކުރެވިދާނެ މުހިއްމުކަމެއްކަމަށް ސާޖިދާ ވިދާޅުވިއެވެ. މިގޮތުން އުފެދޭ ގާތްގުޅުމަކީ ދަރިންނާއި ބެލެނިވެރިންނާއި ދެމެދު ވަރުގަދަ އިތުބާރެއް ޤާއިމުކުރާ ކަމެއްކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ. އަދި މި އިތުބާރު އުފެދުނުވަރަކަށް މައިންބަފައިންނާއި ދަރިންގެ ގުޅުން ގާތްވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އެއިތުބާރާއެކު މުޖުތަމަޢުން ފެންނަ ނޭދެވޭ ކަންކަމުން ކުދިން ރައްކާތެރިކުރުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށްވެގެންދާކަމަށެވެ. އަދި ކުދިން އެންމެ އިތުބާރުކުރާ ފަރާތަކީ ކުދިންގެ ބެލެނިވެރިންކަމުގައިވާނަމަ ބޭރުތެރެއިން ފެންނަ ކަންކަމަށް އިތުބާރު ކުރުން ކުޑަކުރެވޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ޕޭރެންޓިންގ މަހެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރު ފާހަގަކޮށް މައިންބަފައިން ދަރިންނަށްޓަކައިވާ ޤުރުބާނީ ފާހަގަކުރުމެވެ. ހަމައެއާއެކު ބަދަހި ޢާއިލާއެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ މަޤްސަދެކެވެ.