ޚަބަރު

ޕާކިސްތާނާއި ތުރުކީއަށް އައްޔަންކުރެއްވި ސަފީރުންނަށް ރުހުން ދެއްވައިފި


  • ތުރުކީއަށް ކަނޑައަޅުއްވާފައިވަނީ ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

  • ޕާކީސްތާނަށް ކަނޑައަޅުއްވާފައިވަނީ މުޙައްމަދު ޠާހާއަށް

ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާ ސަފީރަކަށް ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި ޕާކީސްތާނަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް މުޙައްމަދު ޠާހާއަށް ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައފިއެވެ.

މި ދެ ބޭފުޅުންނަށް ރުހުން ދެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތުރުކީއަށް ކަނޑައަޅުއްވާ ސަފީރަކަށް ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި ޕާކީސްތާނަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް މުޙައްމަދު ޠާހާއަށް ޢައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޕާކިސްތާނާއި ތުރުކީއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވަނީ މިދިޔަ މެއި މަހުގެ 20ވަނަ ދުވަހުއެވެ. އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

ތުރުކީއަށް ކަނޑައަޅުއްވާ ސަފީރަކަށް ހަމަޖެއްސެވި ލެފްޓިނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު އެންމެފަހުން ހުންނެވީ ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ. ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރަކަށް ހަމަޖެއްސެވި މުޙައްމަދު ޠާހާއަކީ މީގެކުރިން ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ހަމަޖައްސައި، މަޖިލީހުން ރުހުންވެސް ދެއްވި ބޭފުޅެކެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ އޭނާ ސައުދީ އަރަބިއްޔާގެ ބަދަލުގައި ޕާކިސްތާނަށް ކަނޑައަޅުއްވާ ސަފީރަކަށް ހަމަޖައްސާފައެވެ.