ޚަބަރު

ޖޯޖިއާ އަތުން މޮޅުވާނީ ސްޕެއިނުގެ އެންމެ މޮޅު ކުޅުން ދައްކައިގެން: ފުއެންޓޭ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ޖޯޖިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން، ސްޕެއިނުގެ ކޯޗު، ލުއިސް ޑި ލާ ފުއެންޓޭ ވަނީ، މުބާރާތުގައި މިހާތަނަށް ހައިރާންކުރަނިވި ނަތީޖާތަކެއް ނިކުމެފައިވާ ކަމަށާއި، ޖޯޖިއާ އިން ޕޯޗުގަލް ބަލިކުރުމަކީ އެއްވެސް މީހަކު ހީކުރިފަދަ ނަތީޖާއެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގާއި ވެސް އެފަދަ ނަތީޖާތައް ފެނިގެންދާނެ ކަމަށާއި، ސްޕެއިނުން ޖޯޖިއާ ބަލިކުރުމަށްޓަކައި އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ ކަމަށް ބުނެފައެވެ.

ފުއެންޓޭ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުއެންޓޭ ދެއްކި ވާހަކައިގައި ވަނީ، ސްޕެއިނުން މިހާތަނަށް ކުޅުނު މެޗުތައް ފަސޭހައެއް ނޫން ކަމަށާއި، މެޗުތަކުން މޮޅުވީ ވަރަށް މޮޅަށް ކުޅެގެން ކަމަށް ބުނެފައެވެ.

އަދި، އިދިކޮޅު ޓީމަށް ސްޕެއިނުގެ ކުޅުން ރަނގަޅަށް ދެނެގަނެވިއްޖެނަމަ އެމީހުންގެ ދިފާއީ ކުޅުމަށް ބަދަލުގެންނާނެ ކަމަށާއި، މިހާތަނަށްއައިއިރު ސްޕެއިނުގެ އެންމެ މޮޅު ކުޅުން ދެއްކިފައިނުވާ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ޖޯޖިއާގެ ފުޓްބޯޅައާ ބެހޭގޮތުން ބުނީ، އޭނާ އަށް ޖޯޖިއާގެ ފުޓްބޯޅައިގެ އެކި ޖީލުތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ވަކިވަކި ކުޅުންތެރިންވެސް އެނގޭ ކަމަށާއި، މިހާތަނަށް އެ ގައުމުގެ ފުޓްބޯޅައިން ހޯދާފައިވާ ކުރިއެރުމާއި އައިސްފައިވާ ބަދަލުތައް ވަރަށް ކައިރިން ފެނިފައިވާ ކަމަށެވެ. އެގޮތުން، މިހާރު އެ ގައުމުގެ ގިނަ ކުޅުންތެރިންތަކެއް ޔޫރަޕްގެ އެކި ލީގުތަކުގައި ކުޅެމުން އަންނަކަން ވެސް ފުއެންޓޭ ފާހަގަކުރިއެވެ.

ވިލީ ސަންޔޯލް ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ފުއެންޓޭ ވަނީ، ޖޯޖިއާ އާއެކު އޭނާ ވަރަށް ފުރިހަމަ، ރަނގަޅު މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި، ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ސަންޔޯލްގެ ތަޖުރިބާ އެބައޮތް ކަމަށް ބުނެފައެވެ. ދެމީހުންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމާއެކު، ސަންޔޯލްގެ ފަރާތުން އެހާ ފުރިހަމަ މަސައްކަތެއްކޮށްފައިވާކަން ފެނިގެންދިއުމުން އޭނާ ވަރަށް ބޮޑަށް އުފާވާ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

މުުބާރާތުގެ ގަދަ 16 ގެ ބުރުގައި ސްޕެއިނާ ޖޯޖިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.