ޚަބަރު

ނޮކްއައުޓް ފުޓްބޯޅައިގައި އޮތް ނުރައްކާ އިންގްލެންޑަށް ވަރަށް ރަނގަޅަށް އެނގޭ: ސައުތުގޭޓް


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ ސްލޮވާކިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން، އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ވަނީ، ނޮކްއައުޓް ފުޓްބޯޅައިގައި އޮތް ނުރައްކާ އިންގްލެންޑަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ކޮންމެ ޓީމަކަށް ވެސް އަނެއް ޓީމު ކަޓުވާލެވިދާނެ ކަމަށާއި، މެޗެއްގައި ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނިކުމެދާނެ ކަމަށް ބުނެފައެވެ.

ސައުތުގޭޓް މިހެން ބުނީ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސައުތުގޭޓް ބުނީ، މުބާރާތުގެ ކުރިއަށް އޮތް މަރުހަލާ އަށް ކުރިމަތިލުމަށް ކެތްމަދުވެފައި ތިބި ކަމަށާއި، އޭނާގެ ޓީމުން މުބާރާތަށް އައީ ވެސް އެ ބޭނުމުގައި ކަމަށާއި، ނޮކްއައުޓް ބުރުގައި ވާދަކުރުމަށް ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކުޅުނުއިރާ ބަލާއިރު މިހާރު އޭނާގެ ޓީމަށް ކުރިއެރުންތައް ލިބިފައިވާ ކަމަށާއި، ހާއްސަކޮށް މުބާރާތް ފެށިއިރު ތިބި ބައެއް އާ ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުޞަތު ލިބި އެންމެންވެސް ތިބީ ފިޒިކަލީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

ސްލޮވާކިއާ އާ ބެހޭގޮތުން ސައުތުގޭޓް ބުނީ، ސްލޮވާކިއާ އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، އެ މީހުންގެ ކުޅުން ފެށިގެން އަންނަނީ އެންމެ ފަހަތުން ރަނގަޅު ބިލްޑް-އަޕް އަކުން ކަމަށާއި، ގިނަވަގުތު ބޯޅަ ވަރަށް ރަނގަޅަށް ގެންގުޅޭ ކަމަށެވެ. އެ ޓީމުން ވަރަށް ވަރުގަދަކޮށް ޕްރެސްކޮށްލާ ކަމަށާއި، އޭނާގެ ޓީމުން އެ ހުރިހާ ކަމަކަށް ރަނގަޅަށް ސަމާލުވާންޖެހޭނެ ކަމަށާއި، އެންމެ މަތީ ލެވެލްގައި ކުޅެން ޖެހޭނެ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

އިނގިރޭސި ސަޕޯޓަރުންނާ ބެހޭގޮތުން ސައުތުގޭޓް ބުނީ، އެންމެ މުހިއްމު ކަމަކީ ޓީމަށް ދޭ ސަޕޯޓުކަމަށާއި، އޭނާގެ މަސައްކަތަކީ ޓީމަށް އެންމެ ރަނގަޅު ވަގުތުގައި ޕާފޯމްކޮށް، ރަނގަޅު ވަގުތެއްގައި ޒިންމާ ނަގަން ވީހާވެސް ރަނގަޅު މާހައުލެއް އުފެއްދުން ކަމަށެވެ. އަދި ޓީމަށް އެންމެ މުހިއްމީ ސަޕޯޓަރުންގެ ތަރުހީބު ކަމަށާއި، އެމީހުންގެ ފަރާތުން ލިބޭ ސަޕޯޓަކީ އަންޑައެސްޓިމޭޓްކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އެންމެ ފަހުން ސްލޮވީނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެންގޮސްފައިވާ ކަމަށެވެ.

މުުބާރާތުގެ ގަދަ 16 ގެ ބުރުގައި އިންގްލެންޑުން ސްލޮވާކިއާ އާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.