ޚަބަރު

ގޭންގު ކުށް ހުއްޓުވުމަށް ޚާއްސަ ޑިޕާޓްމަންޓަކާއެކު ފުލުހުންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް


  • މިބަދަލުތައް ތަންފީޒުކުރަން ފަށަނީ 1 ޖުލައި 2024 އިން ފެށިގެން

  • މިއީ ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ބަދަލުތަކެއް

  • މާދަމާއިން ފެށިގެން 15 ކޮމާންޑް ފުލުހުންގެ ސްޓްރަކްޗަރގެ ދަށުގައި ހުންނާނެ

އަލަށް ޤާއިމުކުރި، ގޭންގް ކްރައިމް އެންފޯސްމަންޓާއި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް މާދަމާއިން ފެށިގެން ބަދަލު ގެނައުމަށް ފުލުހުންގެ ޚިދުމަތުން ނިންމަވައިފިއެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެވޭ މިބަދަލާއެކު ފުލުހުންގެ ގަވަރނަންސް ނިޒާމު ޒަމާނާއެއްގޮތަށް ބައްޓަންކުރެވިގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ގިނަ ބަދަލުތަކެއް ގެނައުމަށްވަނީ ހަމަޖެހިފައެވެ. ފުލުހުން ވިދާޅުވީ، ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ބަދަލުތައް ޚިދުމަތުގެ ނިޒާމަށް ގެނެވޭނެކަމަށެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އޮތް ގޭންގު ކުށްތަކުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ޚާއްސަ ޑިޕާޓްމަންޓަކާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާ ފުލުހުންގެ ޚިދުމަތުގައި ފުޅާކުރުމަށް ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ދެވޭ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަނާއި އެކަށީގެންވާ ޚިދުމަތެއް ދިނުމަށްޓަކައި، ހުޅުމާލޭ ޕޮލިސްގެ ނަމުގައި އިދާރާއެއްވަނީ ޤާއިމުކޮށްފައެވެ.

ހަމައެއާއެކު މީގެކުރިން 12 ކޮމާންޑުގެ މައްޗަށް އޮތް ފުލުހުންގެ ސްޓްރަކްޗަރއަށް ބަދަލުގެނެސް އަތޮޅުތެރޭގެ ފުލުހުންގެ ޚިދުމަތުގެ ކޮމާންޑްތައް ހިމެނޭހެން 17 ކޮމަންޑް/ ޑައިރެކްޓްރޭޓް ލެވަލްއަށް ބަދަލުކުރުން ހިމެނެއެވެ. މި ކޮމާންޑްތަކުގެ ވެރިން ޢައްޔަންކޮށްފައިވަނީ ޢިލްމާއި ތަމްރީންނަށް ބެލުމަށްފަހުކަމަށް ފުލުހުން ވިދާޅުވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ އަވަސް ޚިދުމަތެއް ފޯރުކޮށްދޭ މުވައްސަސާއަކަށް ހެދުމަކީ މިއެކްޝަން ޕްލޭންގެ މުހިއްމު މަޤްސަދެކެވެ.