ކުޅިވަރު

މިހާ ހިސާބުން އަހަރެމެންގެ ދަތުރު ނިންމާލާކަށް ބޭނުމެއް ނޫން: ޔަކީން


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ އިޓަލީ އަތުން 2-0 އިން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ސްވިޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ބުނީ، އުއްމީދުކުރަނީ މުބާރާތުގެ މިހާ ހިސާބުން ސްވިޓްޒަލޭންޑްގެ ދަތުރު ނިންމާނުލުމަށް ކަމަށާއި، އަދިވެސް އިތުރަށް ތާރީޚު ބަދަލުކުރަން ބޭނުންވާ ކަމަށެވެ.

ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔަކީން ވަނީ، ސްވިޒަލޭންޑުން ހޯދީ މުހިއްމު މޮޅެއް ކަމަށާއި، އެއީ އެންމެ މުހިއްމު ކަންތައް ކަމަށް ބުނެފައެވެ. މާދަމާއާ މެދު މިވަގުތަށް ނުވިސްނާނެ ކަމަށް ވެސް ޔަކީންގެ ވާހަކައިގައި ފާހަގަކުރިއެވެ.

އޭނާގެ ޓީމުން މޮޅުވިއިރު މެޗުގައި ކުޅުނު ގޮތް މުހިއްމުވާ ކަމަށާއި، މުޅި މެޗުގައި ޑޮމިނޭޓްކޮށް ރަނގަޅު ވަގުތުތަކުގައި ލަނޑުޖަހާފައިވާ ކަމަށް ވެސް ޔަކީން ބުންޏެވެ.

ޔަކީން ބުނީ، އޭނާގެ ޓީމުގެ ހާލަތު އޮތީ ރަނގަޅަށް ކަމަށާއި، އެންމެ ރަނގަޅު ގޭމް ޕްލޭނެއް އެބައޮތް ކަމަށާއި، ސްވިޒަލޭންޑަކީ ރަނގަޅު ޓީމެއް ކަމަށެވެ. އޭނާގެ ކުޅުންތެރިން ހަމަބިމުގައި ތިބެންޖެހޭނެ ކަމަށާއި، މިވަގުތު ޓީމުގެ ކޭމްޕްގައި ހުރިހާ ކުޅުންތެރިންގެ މޫޑުވެސް ހުރީ ރަނގަޅަށް ކަމަށާއި، ކުރިއަށް އޮތް މެޗަށްދާއިރު އެންމެ ރަނގަޅަށް ފޯކަސް އެބައޮތް ކަމަށް ވެސް ޔަކީން ބުނެފައިވެއެވެ.

ސްވިޒަލޭންޑް ޓީމުގައި އޮތް އެއްބައިވަންތަކަމާ ގުޅޭގޮތުން ޔަކީން ވަނީ، މި ހުރިހާ ކަމެއް ގައުމީ ޓީމާއެކު ތަޖުރިބާކޮށްލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއް ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް މެޗަށް ތައްޔާރުވާން ދުވަސްކޮޅެއް އޮތުމުން އިންގްލެންޑާއި ސްލޮވާކިއާ މެޗު ބެލުމަށްފަހު ކަންތައްތައް ކުރިއަށްގެންދާނެ ކަމަށާއި، އެންމެ ބޮޑަށް ފޯކަސްކުރާނީ އަމިއްލަ ޓީމަށް ކަމަށް ވެސް ޔަކީން ބުންޏެވެ. މީގެއިތުރުން، އޭނާ ބުނީ، ކުރިއަށް އޮތް މެޗުގައި ވަކި ޓީމަކާ ވާދަކުރަންޖެހިދާނެ ކަމަށް މާބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށެވެ.

މެޗަށްފަހު އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ބުނީ، ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ކަންތައްތަކާމެދު ހުރިހާ ޒިންމާއެއް ނަގާނީ އޭނާ ކަމަށާއި، މެޗަށް ޓީމު ނެގީ ވެސް އޭނާ ކަމަށެވެ. އަދި އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، އޭގެކުރިން ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެއްކި ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށްވެސް ސްޕަލެއްޓީ ބުންޏެވެ. އެކަމަކު، އެންމެ ފުރަތަމަ ކުޅުނު ދެ މެޗާމެދު ކޮންމެވެސް ވަރަކަށް ހިތްހަމަޖެހޭ ކަމަށް ސްޕަލެއްޓީ ވަނީ ބުނެފައެވެ.

އިޓަލީއަށް މީގެކުރީން އިރުޝާދު ދީފައިވާ ކޯޗުންނަށް ޔޫރޯގެ ކުރީން ވިއްސަކަށް މެޗުގައި ކޯޗުކޮށްދިނުމުގެ ފުރުޞަތު ލިބުނުކަމަށާއި، އެކަމަކު އޭނާ އަށް ލިބުނީ 10 ވަރަކަށް މެޗު ކަމަށް ސްޕަލެއްޓީ ފާހަގަކުރިއެވެ. އެގޮތުން، ސްޕަލެއްޓީ ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި މިހާތަނަށް މިވީ މުއްދަތަކީ ޓީމުގެ ކުޅުންތެރިން އެންމެ ރަނގަޅަށް ދަސްކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. އަދި އެ ޓީމަށް މިފަހަރުގެ މުބާރާތަށް ކުރިމަތިލިއިރު އޭނާގެ ގޭމް ޕްލޭންގައި ހިމެނުމަށް ނިންމި ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވިކަން ވެސް ސްޕަލެއްޓީ ވަނީ ފާހަގަކޮށްފައެވެ.