ޚަބަރު

މެޗުގެ ކުރީކޮޅު ޖަރުމަނުގެ އެންމެ މޮޅު ކުޅުން ފެނުނު: ނާގަލްސްމަން


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި ރޭ ޑެންމާކް އަތުން 0-2 އިން މޮޅުވި މެޗަށްފަހު ދެއްކި ވާހަކައިގައި ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ބުނީ، މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި ފެނިގެންދިޔައީ މުބާރާތުގައި މިހާތަނަށް ޖަރުމަނުގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން ކަމަށާއި، އެކަމަކު ގުގުރުމާއި ވިދުމާއެކު މެޗު މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު މެޗުގެ ކޮންޓްރޯލް ގެއްލުނުނަމަވެސް ލީޑްނަގައި، ފުރަތަމަ ގޯލާއެކު ހަމަޖެހިލީ ކަމަށެވެ.

އެކަމުގައި ސްޓޭޑިއަމްގައި ކުޅިބަލަން ވަދެ ތިބި ސަޕޯޓަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންގޮސްފައިވާ ކަމަށްވެސް ނާގަލްސްމަން ފާހަގަކުރިއެވެ.

ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނާގަލްސްމަން ވަނީ، އޭނާގެ ޓީމުން ފުރަތަމަ ހާފުގައި ދެއްކި ކުޅުމަށްވުރެ ޖުމްލަކޮށް، ފަހު ހާފުގެ ކުޅުން ބޮޑުތަނުން ރަނގަޅުކުރި ކަމަށް ބުނެފައެވެ.

އެގޮތުން، ފުރަތަމަ ހާފުގައި ބައެއް ވަގުތުތަކުގައި ޑެންމާކްގެ މިޑްފީލްޑަރު، ކްރިސްޓިއަން އެރިކްސަން އަށް ހުސްޖާގަތައް ލިބިގެންދިޔަ ކަމަށް ވެސް ފާހަގަކުރިއެވެ. އެހެންވެ އެންމެ ރަނގަޅު ކަމަށް ފެނުނީ ފަހަތަށް ތިން ސެންޓްރަލް ޑިފެންޑަރުން ލައިގެން ކުޅުން ކަމަށާއި އެކަމުގެ ސަބަބުން، ފަހުން ޑިފެންސް ފެނުނީ ސްޓޭބަލްކޮށް ކަމަށް ވެސް ނާގަލްސްމަން ބުނެފައިވެއެވެ.

ނާގަލްސްމަން އިތުރަށް ދެއްކި ވާހަކައިގައި ވަނީ، ޑެންމާކާ ދެކޮޅަށް ކުޅެން ފަސޭހަނޫން ކަމަށާއި، އެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މެޗުގެ ކުރީކޮޅު ޖަރުމަނުން ޑިފެންސްގަ އާއި އެޓޭކުގައި ތަފާތު ދެއްކުމުން އެ ޓީމު ހުއްޓުވުނީ ކަމަށް ނާގަލްސްމަން ވަނީ ބުނެފައެވެ. އަދި ބައެއް ހާލަތްތަކުގައި އޭނާގެ ޓީމަށް މާބޮޑަށް މަސައްކަތްކުރެވުނު ކަމަށާއި، ކުރިމަތިލާންޖެހުނު އުނދަގޫތަކުން ސަލާމަތްވުމުގައި ބޮޑު ދައުރެއް ކުޅުނީ ސަޕޯޓަރުން ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

ރޭގެ މެޗަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ނާގަލްސްމަން ބުނީ، ޖަރުމަނު ޓީމުގައި ތިބި 13 ނުވަތަ 14 ކުޅުންތެރިންނަކީ ސްކޮޑުގައި ދެން ތިބި ކުޅުންތެރިންނަށްވުރެ ގިނައިން ކުޅުމުގެ ފުރުޞަތު ލިބޭނެ ކުޅުންތެރިން ކަމަށާއި، އެހެންކަމުން އެ ކުޅުންތެރިންގެ ތެރެއިން ވެސް ރޮޓޭޝަނަށް ފުރުޞަތު އޮންނާނެ ކަމަށެވެ. އެ ހުރިހާ ކަމެއް ބިނާވެގެންވަނީ ޓީމުގެ ފަރިތަކުރުންތަކުގައި އެ ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމަށް ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޑެންމާކްގެ ކޯޗު، ކެސްޕާ ޔޫލްމަން ވަނީ، މިދިޔަ އަހަރުތަކުގައި ބޮޑެތި ޓީމުތަކާ އޭނާގެ ޓީމާ ދެމެދު އޮތް ތަފާތު މާ ބޮޑު ނޫން ކަމަށާއި، ހަމައެކަނި ދިމާވާ މައްސަލައަކީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކޮށް އޭގެ ބޭނުންހިފުމުގައި ކަމަށް ބުނެފައެވެ.

ޑެންމާކްގެ އަމާޒަކީ ބޮޑެތި ޓީމުތަކާ ދެމެދު އޮތް ފަރަގު ވީހާވެސް ކުޑަކޮށް، މުބާރާތްތަކުގެ ފަހު ބުރުތަކުގައި ނަތީޖާ ރަނގަޅުކުރުން ކަމަށް ވެސް ޔޫލްމަން ބުންޏެވެ. އެގޮތުން، އޭނާގެ ޓީމުން މިސާލަކަށް ނަގަން ބޭނުންވަނީ ކްރޮއޭޝިއާ ކަމަށް ވެސް ބުނެފައިވެއެވެ.