ޚަބަރު

ހުއްދަނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯރޓްކޮށް ފޮނުވާލެވޭނެ: ޝަމްޢާން


  • ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި

  • މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 50 ބިދޭސީއަކު ހިފަހައްޓާފައިވޭ

ހުއްދަނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން އުސޫލުގެ ތެރެއިން ޑީޕޯރޓްކޮށް ފޮނުވާލާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އިއްޔެ ވަނީ ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، މި ޖޮއިންޓް އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުންދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.


ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ދަށުން ހޮނިހިރު ދުވަހު ފެށި މި އޮޕަރޭޝަންގެ ބޭނުމަކީ، ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، ޤަވައިދުން ބޭރުން ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހު މާލޭގެ އެކި ސަރަޙައްދުތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މާލޭގެ ލޯކަލް މާރުކޭޓާ މާލެތެރޭގައި ހުރި މާރުކޭޓުތައް އަދި މާލޭގެ ބައެއް އެހެން ސަރަޙައްދުތައްވެސް ބަލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ބެލިއިރު، ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ 50 ބިދޭސީން އިމިގްރޭޝަނާއި ވަނީ ޙަވާލުކޮށްފައެވެ.