ޚަބަރު

އުނދަގޫ ހާލަތްތަކުން އަރައިގަނެ، އެކަމުން ފިލާވަޅު ލިބުން މުހިއްމު: ނާގަލްސްމަން


"
ހީކުރިވަރަށް ވުރެ ރަނގަޅަށް އަހަރެމެން ފެށީ، ދެވަނަ މެޗުގައި ހަންގޭރީއާ ދެކޮޅަށް ފެނުނީ ވަރަށް ކޮމްޕްލިކޭޓެޑްކޮށް. ދެން އެއަށްފަހު ސްވިޓްޒަލޭންޑް މެޗުގައި އެއްވަރުކުރުމަށް އުނދަގުލާއި ކުރިމަތިލާންޖެހުނު
ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން

ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ ޑެންމާކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ޖަރުމަނުގެ ކޯޗު، ހޫލިއަން ނާގަލްސްމަން ބުނީ، މުބާރާތުގެ ގްރޫޕް ސްޓޭޖު އެ ޓީމަށް ފެނުނީ ވަރަށް ޝައުގުވެރިކޮށް ކަމަށާއި، އެ ތިން މެޗުގައި މިހާތަނަށް ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާއިރު އުނދަގޫ ހާލަތްތަކުން އަރައިގަނެ އެކަމުން ފިލާވަޅު ލިބިގަތުމުގެ މުހިއްމުކަން އެނގިގެންގޮސްފައިވާ ކަމަށެވެ.

ނާގަލްސްމަން މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"މުބާރާތުގެ ގްރޫޕް ސްޓޭޖު ފެނުނީ ވަރަށް ޝައުގުވެރިކޮށް،" ނާގަލްސްމަން ބުންޏެވެ.

އެ ޓީމުން މުބާރާތް ފެށީ ހީކުރިވަރަށް ވުރެ ރަނގަޅަށް ކަމަށާއި، ދެވަނަ މެޗުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނުއިރު ފެނުނީ މުޅިން އުނދަގޫކޮށް، ތަފާތު ކުޅުމެއް ކަމަށާއި، އަދި އެއަށްފަހު ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގޮންޖެހުންތައް ކުރިމަތިވެ، އެއްވަރުކުރުމަށް ވެސް އުނދަގޫވި ކަމަށެވެ.

ނާގަލްސްމަންގެ ވާހަކައިގައި ވަނީ، ޑެންމާކަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއް ކަމަށާއި، އެމީހުންގެ ފަރާތުން މިހާތަނަށް ކޮންމެ މެޗެއްގައި އެގްރެސިވްކޮށް ޑިފެންސްކުރާ މަރުހަލާތައް އައިސްފައިވާ ކަމަށާއި، އެއަށްފަހު ވަން-ޓަޗް ވަރުގަދަ އެޓޭކްތައް ވެސް ފެނިގެންގޮސްފައިވާ ކަމަށް ފާހަގަކޮށްފައެވެ.

އަދި، ނާގަލްސްމަން ބުނީ، ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޑެންމާކްގެ ސްކޮޑުގައި އެކުލެވިގެންވާ ކަމަށާއި، ޖަރުމަނަށް އެ މެޗު ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެ ކަމަށެވެ.

ޖަރުމަނުގެ މިޑްފީލްޑަރު، ރޮބަޓް އަންޑްރިކް ބުނީ، ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަށް ބޭނުންވާ ކަމަށާއި، ޑެންމާކާ ދެކޮޅަށް ކުޅޭ މެޗު ވާނީ ޝައުގުވެރި، ބަލާހިތްވާ ކަހަލަ މެޗަކަށް ކަމަށާއި، އެހާ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި ވަރަށް ބޮޑަށް ނަތީޖާ ނެރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި، ގަދަ 16 ގެ ބުރުން މުބާރާތް ނިންމާލަން ބޭނުންނުވާ ކަމަށް ވެސް އަންޑްރިކްގެ ވާހަކައިގައި ފާހަގަކުރިއެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ޑެންމާކާ ދެކޮޅަށް ޖަރުމަނު ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.