ވިޔަފާރި

ހިންމަފުށީގައި ގެސްޓްހައުސް ހެދުމުގެ ފުރުޞަތު ހުޅުވާލައިފި


ކ.ހިންމަފުށީ ހުޅަނގު އުތުރު ތުނޑީ ސަރަޙައްދުން ގެސްޓުހައުސް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުއްވާލައްވާފައިވާކަމަށް ކ.ހިންމަފުށީ ކައުންސިލް އިދާރާއިން ހާމަކުރައްވައިފިއެވެ. ގެސްޓުހައުސް ހަދައި ހިންގުމަށް ކ. ހިންމަފުށީ ހުޅަނގު އުތުރު ތުނޑީ ސަރަޙައްދުގައިވާ ޓޫރިޒަމް ޒޯނުން ނުވަ ބިމެއް ތިރީސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރެއްވުމަށް ވަނީ ނިންމަވާފައެވެ. 

img:http://s4.psmnews.mv/images/660x400/14633124203809.JPG|ހިންމަފުށީގައި ހަދާފައިވާ ގެސްޓްހައުސްއެއް

މި ބިންތަކުގައި، އަމިއްލަ ޚަރަދުގައި ޓޫރިސްޓު ގެސްޓުހައުސްއެއް ޢިމާރާތްކޮށް، ޓޫރިސްޓް ގެސްޓުހައުސް ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބިޑް ހުށަހަޅަންޖެހޭނީ، އަންނަ މަހުގެ 20 ވަނަ ދުވަހުކަމަށް ކ.ހިންމަފުށީ ކައުންސިލް އިދާރާއިން ހާމަކުރައްވައެވެ.

މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ، ފަސްހާސް ރުފިޔާއަށް ކަމަށާއި، ބިޑް ހުށަހެޅުމަށް ފޯމު ގަންނަ ފަރާތްތަކަށް އަންނަ މަހުގެ އަށްވަނަ ދުވަހު މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހިންމަފުށީ ކައުންސިލް އިދާރާއިން ވިދާޅުވެއެވެ.