ޚަބަރު

އިޓަލީގެ ކުޅުން މިހާރަށްވުރެ ރަނގަޅުކޮށް، ރައްޔިތުން ފަޚުރުވެރިކޮށްދޭން ޖެހޭ: ސްޕަލެއްޓީ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިޓަލީގެ ކޯޗު، ލޫސިއާނޯ ސްޕަލެއްޓީ ވަނީ، އޭނާގެ ޓީމުން މިހާތަނަށް ދައްކާފައިވާ ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައި އިޓަލީގެ އެންމެހާ ރައްޔިތުން ފަޚުރުވެރިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައެވެ.

ސްޕަލެއްޓީ މިހެން ބުނީ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މުބާރާތުގެ ގުރުއަތުލުމުގައި އޭނާގެ ޓީމު ހިމެނުނީ އުނދަގޫ ގްރޫޕެއްގައި ކަމަށްވުމުން އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް ސްޕަލެއްޓީ ބުންޏެވެ.

ކުރިއަށް އޮތީ ނޮކްއައުޓް މެޗަކަށްވުމުން ގްރޫޕް ސްޓޭޖުގެ މެޗުތަކާ ހިލާފަށް، ކުޅުންތެރިން ހަމަޖެހިލައިގެން ކުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، ހިސާބުތަކެއް ޖަހައިގެން ވަކި ގޮތަކަށް ނަތީޖާ ނެރުމެއް މިހާރު ނެތް ކަމަށާއި، އަނެއް ބުރަށް ދިއުމަށްޓަކައި އޮތް ހަމައެކަނި ގޮތަކީ މެޗުން މޮޅުވުން ކަމަށް ވެސް ސްޕަލެއްޓީ ވަނީ ބުނެފައެވެ.

އަދި މިހާތަނަށް ކުޅުނު މެޗުތަކުގައި އިޓަލީގެ ފަރާތުން ފެންނަންޖެހޭ ކުޅުން ފެނިފައިވާ ނުވާ ކަމަށާއި، ނުވަތަ އެކަން ކުރެވުނީ މަދު ވަގުތުކޮޅަކަށް ކަމަށް ވެސް ވެދާނެ ކަމަށް ސްޕަލެއްޓީ ބުންޏެވެ. ފަހުވަގުތު ގޯލެއް ޖަހައިގެން ނަމަވެސް، އޭނާގެ ޓީމުން ދެވަނަ ބުރަށް ދިއުން ހައްގު ކަމަށް ވެސް ސްޕަލެއްޓީ ބުނެފައިވެއެވެ.

ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީންއާ ބެހޭގޮތުން ސްޕަލެއްޓީ ބުނީ، އޭނާ އަކީ މޮޅު ކޯޗެއް ކަމަށާއި، ދަނޑުމަތީގައި އެ ޓީމު އެހާ އޯގަނައިޒްކޮށް ކުޅޭ ކަމުން ވެސް އެކަން ފެނިގެންދާނެ ކަމަށެވެ. އެ ޓީމުގައި ކޮލިޓީ އެބަހުރި ކަމަށާއި، އަދި ވަރުގަދަ ކަމަށެވެ.

އެ ޓީމުގައި ޒާކާ ފަދަ، ބައިނަލްއަގުވާމީ ފެންވަރުގެ މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އެހެންވިޔަސް އޭނާގެ ޓީމުގެ އެންމެ މޮޅު ކުޅުން ދެއްކިއްޖެނަމަ ރަނގަޅު ވާދައެއްކޮށް މެޗު ކާމިޔާބުކުރެވޭނެ ކަމަށް ވެސް ސްޕަލެއްޓީ ބުންޏެވެ.

އިޓަލީގެ ގޯލްކީޕަރު އަދި ކެޕްޓަން، ޖިއަންލުއިޖީ ޑޮންނަރުއްމާ ބުނީ، ސްވިޓްޒަލޭންޑުން ކުޅެނީ އެގްރެސިވްކޮށް ކަމަށާއި، އޭނާގެ ޓީމުން ހެދޭ ގޯސްތައް ވީހާވެސް މަދުން ކުރަންޖެހޭނެ ކަމަށެވެ.

ކެޕްޓަނެއްގެ މަގާމު އަދާކުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، އަދި އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް ޑޮންނަރުއްމާ ވަނީ ބުނެފައެވެ. އަދި އެންމެ ކުޑައިރުއްސުރެއް މި ކަހަލަ މެޗުތަކުގައި ބައިވެރިވާން ބޭނުންވާ ކަމަށް ވެސް ޑޮންނަރުއްމާ ފާހަގަކުރިއެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި އިޓަލީއާ ސްވިޓްޒަލޭންޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.