ޚަބަރު

އެމްޑީޕީގެ ރައީސް ޝާހިދު ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި


  • ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭކަމަށް ވިދާޅުވި

  • އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން ދިރިއުޅުންކަން ފާހަގަކުރެއްވި

އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ޝީ އާ ބައްދަލުކުރެއްވީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގައެވެ.

މިއީ ޗައިނާގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު 5 އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.


ޢަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ މި ކޮންފަރެންސްގައި ޝީ ދެއްވި ތަޤްރީރުގެ ކުރިންނެވެ.

ޗައިނާގެ ރައީސްގެ ތަޤްރީރަށްފަހު ޝާހިދު ވިދާޅުވީ، އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކޮށްގެން، ދުނިޔޭގެ ސުލްހައާއި އަމާންކަން ޤާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭކަމަށެވެ. އަދި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން ދިރިއުޅުންކަމަށެވެ.

އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު ވަނީ މީގެ ކުރިން ނިމިދިޔަ ސަރުކާރުގެ ޚަރިޖީ ވަޒީރުކަމުގެ އިތުރުން އ.ދ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ.