ކުޅިވަރު

ޑެންމާކުން ބޭނުންވަނީ 32 އަހަރު ކުރީގެ ކާމިޔާބީ ތަކުރާރުކުރަން


ޔޫރޯ 2024 ގެ ގަދަ 16 ބުރުގައި ޖަރުމަނާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ޑެންމާކުގެ އެސިސްޓެންޓް ކޯޗު، ކްރިސްޓިއަން ޕޯލްސެން ވަނީ، މީގެ 32 އަހަރު ކުރީން ޔޫރޯގެ ފައިނަލްގައި ޖަރުމަނު ބަލިކޮށް، ހޯދީ ކާމިޔާބީ ތަކުރާރުކުރަން ބޭނުންވާކަމަށް ބުނެފައެވެ.
ޕޯލްސެން މިހެން ބުނީ ބުރާސްފަތި ދުވަހު ދިން އިންޓަވިއުއެއްގައެވެ.

ޖަރުމަނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން ޕޯލްސެން ވަނީ، އެ ޓީމު ވަރުގަދަވާނެ ކަމަށާއި، މެޗުގައި ފެނިގެންދާނީ ކުޑަ ގައުމަކާއި ބޮޑު ގައުމެއްގެ ވާދަވެރިކަމުގެ ގޮތުގައި ސިފަކޮށްފައެވެ. އެކަމަކު، ޑެންމާކުން އެ ކުރިމަތިލުމަށް ނިކުންނާނީ 1992 ވަނަ އަހަރުގެ ފައިނަލުގެ ހަނދާންތަކާއެކު، އެކަންތައް އަލުން ތަކުރާރުކުރަން ކަމަށް ވެސް ޕޯލްސެން ބުންޏެވެ.

ޕޯލްސެން ބުނީ، އެ ތާރީޚީ މެޗު މީގެ 32 ވަރަކަށް އަހަރުކުރީން ކުޅުނުއިރު އޭނާ އަށް އެންމެ 12 އަހަރު ކަމަށާއި، އެއީ ޑެންމާކުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ފާހަގަކޮށްލެވޭ ކަންތައް ކަމަށެވެ. އަދި އެއީ ވަރަށް އުފާވެރި ހަނދާނެއް ކަމަށާއި، އެކަންތައް ތަކުރާރުކުރެވިއްޖެނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ޕޯލްސެން ބުންޏެވެ.

މެޗާ ބެހޭގޮތުން ޑެންމާކްގެ ފޯވާޑް، ޔޫސުފް ޕޯލްސެން ބުނީ، ޑެންމާކް ޓީމު ރަނގަޅުވާނެ ކަމަށާއި، މުބާރާތުގައި މިހާތަނަށް ވަރަށް ރަނގަޅަށް ޑިފެންސްކޮށްފައިވާ ކަމަށާއި، އެޓޭކުގައި ހިމެނޭ ކުޅުންތެރިންނަށް ވެސް ޖަރުމަނަށް އުނދަގޫތައް ކުރިމަތިކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑުކަމަށެވެ.

މީގެކުރިން ދެ ޓީމު ބައްދަލުކުރި މެޗު ފެނިގެންދިޔައީ ވަރަށް އެއްވަރުކޮށް ކަމަށާއި، ސްވިޓްޒަލޭންޑުން މި ފަހަރުގެ މުބާރާތުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ވެސް ފެނުނީ އެ ކަހަލަ ގޮތަކަށް ކަމަށާއި، އެ މެޗުގައި ފެނިގެންދިޔަ ސްވިޓްޒަލޭންޑް ޓީމާއި ޑެންމާކާ މާބޮޑު ތަފާތެއް ނެތް ކަމަށް ވެސް ޖަރުމަނު ލީގުގައި ކުޅެމުން އަންނަ ފޯވާޑް، ޕޯލްސެންގެ ވާހަކައިގައި ފާހަގަކުރިއެވެ.