ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކެއް ސަރުކާރުގެ މެނިފެސްޓޯގައި!


ދެހާސް ތިރީހަށް އަމާޒުކުރައްވައިގެން ހިންގަވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރެއްވުމަށް ގިނަ އަމާޒުތަކެއް މިހާރުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ. އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް މިހެން ވިދާޅުވީ ސްރީލަންކާގައި ބޭއްވި ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީގެ ބައިނަލްއަޤްވާމީ ފެނާބެހޭ ބައިގެ 8 ވަނަ ކޮންފަރެންސްގެ ހައިލެވެލް އިވެންޓްގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ތަޤްރީރު ކުރައްވަމުންނެވެ.

މިނިސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި ސާސްކަފްގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލެއްވިއެވެ. އަދި އެ މަސައްކަތުން ފިލާވަޅު ލިބިގެން 2030 އަށް އަމާޒުކޮށްގެން ހިންގާ ތަރައްޤީގެ އައު ލަނޑުދަނޑިތައް ކާމިޔާބުކަމާއެކު ޙާޞިލްކުރެއްވުމަށް ފަށްޓަވާފައިވާ މަސައްކަތްތައް ބަޔާންކޮށްދެއްވިއެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ މެނިފެސްޓޯގައި ދެމެހެއްޓެނިވި ތަރައްޤީގެ ގިނަ ލަނޑުދަނޑިތަކާބެހޭ ވަރަށް ގިނަ އަމާޒުތައް މިހާރުވެސް ހިމެނިފައިވާ ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ އައު ލަނޑުދަނޑިތަކުގެ ގިނަ އަސާސްތައް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ބަޔާން ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިމަހުގެ 9 ން 13 އަށް ސްރީލަންކާގެ ނިގަމްބޯގައި ބޭއްވި މިބައްދަލުވުމަކީ ދުނިޔޭގެ ފެނުގެ އެކިއެކި ވަޞީލަތްތައް ބެލެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ ފަންނީ މަޢުލޫމާތު ޙިއްޞާކުރުމާއެކު ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީން އެހީދީގެން ހިންގާ ފެނުގެ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.