ޚަބަރު

ސިޔާސީ މަގާމުތައް މަދުކޮށް، މިނިވަންދުވަހުގެ ކުޅިވަރުތައް މިއަހަރު ނުބާއްވަން ރައީސް ނިންމަވައިފި


  • ޚަރަދުކުޑަކުރުމަށް މިނިވަންދުވަހާ ގުޅިގެން މިފަހަރު ބާއްވާނީ ޖަލްސާއެއް އެކަނި

  • ޚަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް ކުރިއަށް އޮތްދުވަސްތަކުގައި އަޅުއްވާނެ

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިއަހަރުގެ މިނިވަންދުވަހު ފުޅަނދުބުރާއި ކުޅިވަރުތައް ނުބާއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެގޮތަށް ނިންމެވިކަން ރައީސް ހާމަކުރެއްވީ މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ މިނިވަންދުވަހު ބާއްވާނީ ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ ކަމަށެވެ.

މި ފިޔަވަޅުތަކުގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޖުލައި މަހުގެ 24އިން 31އަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ތަފާތު ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނޭހެން ޖުމްލަ 17 ހަރަކާތެއް ހިންގާނެކަމަށް އެވުޒާރާއިން ވަނީ ޢިއުލާންކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަސް ދިވެހި ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތް އޮތުމަށް ނިމުން ގެނެސް، 1965 ވަނަ އަހަރު، ފުރިހަމަ މިނިވަންކަމުގެ އެގްރީމެންޓުގައި އޭރުގެ ބޮޑު ވަޒީރު ރައީސް އިބްރާހީމް ނާޞިރު ސޮއިކުރައްވައި ދިވެހި ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވުމާއި ގުޅިގެންނެވެ.