ޚަބަރު

މާލޭގެ މަގަކަށް "ފަލަސްޠީނު ހިނގުން" ނަމުން ނަންދޭން ސިޓީ ކައުންސިލުން ނިންމައިފި


  • "ފަލަސްޠީނު ހިނގުން" ކިޔަން ނިންމާގައިވަނީ މަފަންނުގެ މަގަކަށް

  • އެ މަގަކީ މިހާތަނަށް ނަމެއް ދީފައި ނުވާ މަގަކަށެވެ

މާލޭގެ މަގަކަށް ފަލަސްޠީނަށް ނިސްބަތްކޮށް ނަންދީފިއެވެ. މަގަށް ކިޔާފައިވަނީ، "ފަލަސްޠީނު ހިނގުން". މިނަމެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާއިން ނިންމާފައިވަނީ މާފަންނު މަދަރުސާއާ އިންވެގެން ވެސްޓްޕާކާ ވީކޮޅަށް އޮންނަ އަދި މިހާތަނަށް ނަމެއް ދީފައި ނުވާ މަގަކަށެވެ. ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ، ފަލަސްޠީނުގެ ރައްޔިތުން އެތައް ޒަމާނެއްވަންދެން އުފުލަމުންދާ ތަކުލީފުތަކާއި އުއްމަތަށްޓަކައި ވަމުންދާ ޤުރުބާނީ ހަނދާންކޮށް އެކަން ދިވެހި ޖީލުތަކަށް ބުނެދިނުމަށްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިމަގަށް ނަންކިޔަން ފާސްވީ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ސިޓީ ކައުންސިލުން ބުނީ މަގަށް ރަސްމީކޮށް ނަން ކިޔަން ފަށާނެ ތާރީޚެއް އަދި ކަނޑަނާޅާކަމަށެވެ.

ފަލަސްޠީނުގައި ހިނގަމުންދާ ލާއިންސާނީ ކަންކަމާއި ދެކޮޅަށް ރާއްޖެއިން ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި އަބަދުވެސް އަޑު އުފުލައެވެ. ފަލަސްޠީނަށް މާލީގޮތުން އެހީތެރިވުމަށް ބޮޑެތި ޙަރަކާތްތައް އިންތިޒާމުކޮށް އެކި ފަންތީގައި ކުރިއަށްގެންދެއެވެ. މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު މިނިވަންވެ އެޤައުމުގެ ރައްޔިތުންނަށް އަމާންކަން ލިބިގެންދިޔުމަކީ ދިވެހީން އަބަދުވެސް ދެކެން ބޭނުންވާ ދުވަހެކެވެ.