ޚަބަރު

ހީކުރިވަރަށް ވުރެ އަހަރެމެންގެ ގްރޫޕު އުނދަގޫ: ޓެޑެސްކޯ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ޔޫކްރޭނާ 0-0 އިން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ބުނީ، މުބާރާތަށް ނިކުތްއިރު އޭނާގެ ޓީމަކީ ގްރޫޕް އީ ގެ ފޭވަރިޓެއްގެ ލޭބަލް އޮތް ޓީމު ކަމަށްވިޔަސް، އެ ގްރޫޕު ފެނިގެންދިޔައީ އުނދަގޫކޮށް ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑެސްކޯ ބުނީ، އެ ގްރޫޕުގައި ހިމެނުނު ހުރިހާ ޓީމެއްގެ ފަރާތުން ވެސް އުނދަގޫތައް ކުރިމަތިކޮށްފައިވާ ކަމަށެވެ. ކޮންމެ ޓީމެއްގައިވެސް ކޮލިޓީ ކުޅުންތެރިން އެބަތިބި ކަމަށާއި، ކުޑަ ޓީމެއް ނެތް ކަމަށް ޓެޑެސްކޯ ބުންޏެވެ.

މެޗުގައި ބެލްޖިއަމްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށާއި، އޭނާގެ ޓީމު ކޮޅަށް ގޯލެއް ވަތްނަމަ މުބާރާތުން ވަކިވާންޖެހޭނެ ކަމަށް ވެސް ޓެޑެސްކޯ ބުނެފައިވެއެވެ.

"މެޗު ކުޅުނީ މޮޅުވާން، އެކަމަށްޓަކައި ހުރިހާ ކުޅުންތެރިން އެންމެ ރަނގަޅަށް މަސައްކަތްކުރި." ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓެޑެސްކޯ ބުންޏެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ފްރާންސާ ދެކޮޅަށް ނިކުންނަން ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން ޓެޑެސްކޯ ވަނީ، އެ މެޗަށް ނިކުންނާނީ މޮޅުވުމަށް ކަމަށާއި، ޔޫރޯ އަށް އައީ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނުމަށް ކަމަށާއި، އެގޮތުން އޭނާގެ ޓީމަށް ދެން އޮތީ ވެސް ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭ މެޗުކަން ފާހަގަކޮށްފައެވެ.

މެޗަށްފަހު ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޫން ބުނީ، އޭނާގެ ޓީމުން މުބާރާތުގެ ތިން މެޗުގައި ކުޅެވޭނެ އެންމެ ރަނގަޅަށް ކުޅެފައިވާ ކަމަށާއި، ކޮންމެ މެޗެއްގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެންމެންވެސް ބޭނުންވަނީ މެޗުތައް ކާމިޔާބުކުރަން ކަމަށާއި، ދަނޑުމަތީގައި ބެލްޖިއަމުން ވެސް އެކަން ކުރުމަށް މަސައްކަތްކޮށްފައިވީނަމަވެސް ކާމިޔާބުނުވީ ކަމަށް ވެސް ޑި ބްރޫން ބުންޏެވެ.

ބެލްޖިއަމުން މުބާރާތް ފެށިއިރު އުނދަގޫތައް ކުރިމަތިވިއިރު، ފަހު މެޗުގައި ޔޫކްރޭނާ ދެކޮޅަށް ވެސް ފަސޭހަނުވި ކަމަށް ވެސް ޑި ބްރޫން ބުންޏެވެ.