ޚަބަރު

އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ވޯލްޑް ބެންކުގެ ތައުރީފް


  • ޙަރަދުތައް ކުޑަކުރަންޖެހޭކަމަށް ވޯލްޑް ބެންކުން ބުނޭ

އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ވޯލްޑް ބެންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ އެރޑެމް އަތާސް ތަޢުރީފް ކުރައްވައިފިއެވެ.

އޭނާ ތަޢުރީފް ކުރައްވާފައި މިވަނީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ވޯލްޑް ބެންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ އަދި މަޝްހޫރު އިޤްތިޞާދީ މާހިރެއް ކަމަށްވާ އެރޑެމް އަތާސް ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ނުރައްކަލަކީ ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދަރަނި ބޮޑުވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަތަކެއްކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަތާސް ވިދާޅުވީ އިޤްތިޞާދު ކުރިއެރުމަކުން ނުވަތަ ބޭރުން ފައިނޭންސް ހޯދައިގެން މާލީގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލެއް ނުލިބޭނެކަމަށެވެ. އޭގެ ބަދަލުގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ފޫބެއްދުމަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވް ރަނގަޅުވެ، މެދުރާސްތާގައި ދަރަނީގެ ހާލަތު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވޯލްޑް ބެންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ވިދާޅުވިއެވެ.

"ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ނުރައްކަލަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދަރަނީގެ ސްޓޮކް ޖަމާވުމާއި، އެ މުއްދަތުގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވުން. އިގްތިސާދީ ކުރިއެރުމެއް ނުވަތަ އިތުރު ފައިނޭންސިންއަކުން މި މައްސަލަ އަށް ހައްލެއް ނުލިބޭނެ،" އަތާސްގެ ޓްވީޓްގައިވެއެވެ.

ވޯލްޑް ބެންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދަނީ ރަނގަޅު ފިޔަވަޅުތަކެއްކަމަށާއި، އެ ފިޔަވަޅުތައް ވޯލްޑް ބެންކުން ބަލައިގަންނަކަމަށެވެ.