ޚަބަރު

މެނިންގޯކޮކަލް ކޭސްއާއި ގުޅިގެން 46 ކޮންޓެކްޓުން ވަނީ ފާހަގަވެފައި: އެޗްޕީއޭ


  • ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ކޭސްއަކީ އިންޕޯޓެޑް ކޭސްއެއް

  • ފެނިފައިވަނީ އެންމެ ކޭސްއެއް

  • އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި

ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ ކޭސް ފެނުމާ ގުޅިގެން އެޗްޕީއޭއިން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން އޮންނަ މިންގަނޑާ އެއްގޮތަށް ކޮންޓެކްޓް ޓްރޭސިން ހަދާ، އެ ކޭސްއާއި ގުޅުންހުރި ހުރިހާ ކޮންޓެކްޓުން މިހާރު ދެނެގަނެފައިވާކަމަށެވެ.

އަދި އެބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުޞަތު ނައްތާލާފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މި ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން އައިޑެންޓިފައި ކުރެވިފައިވަނީ. އިތުރު ނުވާނެކަމަށް ލަފާކުރެވެނީ." އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މިބަލީގެ ބޭހާއި ވެކްސިނަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ބޭހެއް ނޫންކަމަށެވެ. ބޭސް ދޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އަދި އެކަމަށް ޑޮކްޓަރުން އިރުޝާދުދޭ މީހުންނަށްކަމަށެވެ.

މި ބައްޔާ ގުޅޭގޮތުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ މިބަލީގައި ބޮޑުވަރުވާ ކޭސްތައް ނިސްބަތުން މަދުކަމަށެވެ. އެގޮތުން ބަލީގެ ބޮޑެތި އަލާމާތްތައް ފެންނަނީ ބަލި ޖެހޭ 100 މީހުންގެ ތެރެއިން ގާތްގަނޑަކަށް 10 މީހުންގެކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.
އަދި މި ބައްޔަކީ އާއްމު ރޯގާތަކަށްވުރެ، އަވަހަށް ފެތުރުމުގެ ފުރުޞަތު ވަރަށް ކުޑަ ބައްޔެއްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑރ.މޫސާ މުރާދު ވިދާޅުވީ ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ހަށިގަނޑުގައި ހުންނާނެކަމަށް ބެލެވެނީ 7 ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތަށްކަމަށެވެ. ނަމަވެސް އެންޓިބައޮޓިކާއި ވެކްސިން ޖެހުމުގެ ސަބަބުން ބެކްޓީރިއާ އަވަހަށް މަރާލާކަމަށެވެ.

"ވައިރަހަކަށްވުރެ ބެކްޓީރިއާ ޖަރާސީމު ފެތުރިގެންދާ ފުރުޞަތު ވަރަށް ކުޑަ. ވަރަށް ކައިރި ކޮންޓެކްޓުންނަށް ޖެހުމުގެ ފުރުޞަތު އޮންނަނީ. އަދި ވައިގެ ތެރޭގައި މިބެކްޓީރިއާ ހުންނަ ވަގުތުވެސް ވަރަށް ކުޑަ." އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުން، ބަލި ނުފެތުރޭނެގޮތަށް ދީފައިވާ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޙައްޖުން އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި މިހާރު ވަނީ ޚާއްސަކޮށް ފްލޫ ކްލިނިކެއްވެސް ހުޅުވާފައެވެ.

މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ބޮލުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ވާނުވާ ނޭގުން އަދި ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ޖެހުންފަދަ އަލާމާތްތައް ހިމެނެއެވެ. އެހެންކަމުން މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.