ޚަބަރު

މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއް: ފިޗް


  • ފައިނޭންޝަލް ރޭޓިންގ ބީ މައިނަސްއިން ސީސީސީ ޕްލަސްއަށް ވަނީ ބަދަލުކޮށްފައި

  • ސަރުކާރުން އަޅަމުންދަނީ ރަނގަޅު ފިޔަވަޅުތަކެއްކަމަށް ފިޗުން ބުނޭ

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރުން އަޅަން ނިންމާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއްކަމަށް ކްރެޑިޓް ރޭޓިންގ އެޖެންސީ، ފިޗުން ބުނެފިއެވެ.

ފިޗުން މިހެން ބުނެފައިވާއިރު، އެ އެޖެންސީން ވަނީ ރާއްޖޭގެ ފައިނޭންޝަލް ރޭޓިންގ ބީ މައިނަސްއިން ސީސީސީ ޕްލަސްއަށް ބަދަލުކޮށްފައެވެ.

ފިޗުން ރާއްޖޭގެ ފައިނޭންޝަލް ރޭޓިންގ ސީސީސީ ޕްލަސްއަށް ބަދަލުކުރި މައިގަނޑު ސަބަބަކީ ބޭރުން ފައިނޭންސް ހޯދުމަށް އޮތް ހިރާސްތައް ބޮޑުވުމުންކަމަށް ބުނެފައިވެއެވެ. ނަމަވެސް ދަރަނި މެނޭޖްކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވެ، ފައިނޭންޝަލް ރޭޓިންގ މަތިވެގެންދާނެކަމަށްވެސް ފިޗުން ބުނެފައިވެއެވެ. އަދި އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރާ މަސައްކަތާއި ވިލުންވެރި އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން މާލީ ހާލަތު ރަނގަޅުވުމަށް މަގުފަހިވެގެންދާނެކަމަށްވެސް ފިޗުން ބުނެފައިވެއެވެ.

ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކު ދައުލަތުގެ މާލީ ޙާލަތު ރަނގަޅުވާނެކަމަށް ފިޗުން ބުނެފައިވާއިރު، ސަރުކާރުން ދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމުގައި އެއްވެސް ލަސްވުމެއް ނާންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.