ޚަބަރު

ރާއްޖެ މިހާލަތަށް ވައްޓާލީ ކުރީ ސަރުކާރުން ނެގި ލޯނުތަކާއި ދަރަނިތަކުން: ޤާސިމް


  • ކުރީ ސަރުކާރުގެ ދަރަނީގެ ސަބަބުން އިޤްތިޞާދު ބޮޑު އަނދަވަޅަށް

  • ދަރަނި އަދާކުރެވޭނެ ގޮތްތަކެއް އޭރު ހޯދިފައި ނެތް

  • އައު ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފްކުރެއްވި

  • ސަރުކާރުގެ އިސްލާޙީ ސިޔާސަތު ބަލައިގަންނަކަމަށް ވިދާޅުވި

ނިމުނު ސަރުކާރުގައި ރާއްޖޭގެ އިޤްތިޞާދު ވައްޓާލި އަނދަވަޅުން ސަލާމަތްކޮށް އިއާދަކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިލް އިބްރާހީމް ތަޢުރީފުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ހާޒިކުރެއްވި ބައްދަލުވުން ނިންމަވާލައްވާ ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް ވިދާޅުވީ މުޅި ބައްދަލުވުމުގައި މާލީ ވަޒީރާއި، ކޮމިޓީގެ މެންބަރުން ހިއްސާކުރެއްވި ވާހަކަފުޅުތަކުން އެނގިގެންދިޔައީ، ނިމުނު ސަރުކާރުގައި އެކި ސަބަބުތަކާހުރެ ނަގާފައިވާ ލޯނުތަކާއި ދަރަނީގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ބުރަ ބޮޑުވެފައިވާ މިންވަރުކަމަށެވެ. އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓި ފަހަތަށް ޖެހުނީ، ނިމުނު ސަރުކާރުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ނަގާފައިވާ ދަރަނިތަކާއި، އެކަން ފޫބެއްދުމަށް އެއްވެސް ޙައްލެއް ހޯދާފައި ނެތުމުންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ނަގާފައިވާ ސްކޫކާއި ބޮންޑް އަދި ލޯނާއި ދަރަނީގެ ސަބަބުން އިޤްތިޞާދު ވަރަށް ބޮޑުތަނުން ދަށަށް ދިޔަކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ޤާސިމް އިބްރާހީމް ވަނީ އިޤްތިޞާދު ހަމަމަގަށް އަޅުވަން އަދުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތާއި، ސަރުކާރުގެ އިސްލާޙީ ސިޔާސަތުތަކުން މިކަމަށް ޙައްލެއް ލިބޭނެކަމަށް ކުރައްވާ އުއްމީދު ބޮޑުކަމަށް ވިދާޅުވެ ތަޢުރީފް ކުރައްވާފައެވެ. ސަރުކާރުން މި މަގުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ފާހަގަކުރައްވާ ޤާސިމް އިބްރާޙިމް ވަނީ ސަރުކާރުގެ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

"ސާބިތުކަމާއެކު ރަނގަޅު ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖެ ދެން އޮންނާނެ ޙާލަތު އެމެރިކާގެ ޓްރެޜަރީ ޑިޕަރޓްމަންޓްގެ ބޭފުޅުހުންގެ ވާހަކައިންވެސް މިއަދު އެނގުނު. އެ ހާލަތަށް ދާކަށް ބޭނުމެއް ނޫން. ކުރީ ސަރުކާރުގައި ކޮށްފައިވާ ކަންކަމުގެ ސަބަބުން ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް، އަޒުމާ ހިތްވަރުގައި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަށް މަރުޙަބާ ދަންނަވަން." މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޢިޤްތިޞާދު އާރާސްތުކުރުމަށް ސަރުކާރުން އަޅާ އިސްލާޙީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންނަށް ބޭނުންވާ ޖަވާބުތައް ހޯދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

އައު ސަރުކާރު ހަވާލުވެ އެންމެ ބޮޑު އިސްކަމެއް ދެއްވި މަސައްކަތަކީ ދަރަނިން ރާއްޖޭގެ އިޤްތިޞާދު ސަލަމަތްކުރުމުގެ މަސައްކަތެވެ. އެގޮތުން މި ވީ 7 މަސް ދުވަހުގެ ތެރޭގައި އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަން ރައިސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ހާމަކުރައްވާފައެވެ. މީގެތެރޭގައި އަމިއްލަ އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކާފައިވާ 4 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ދައްކަންޖެހޭ 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުތަކަށް 2.7 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.