ޚަބަރު

ޙައްޖުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް


  • މިކްލިނިކްގެ ޚިދުމަތް ދެނީ އެހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް 10އަކުން

  • މިކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގޭނެ

  • ކްލިނިކުން ޚިދުމަތް ދޭނީ ހެނދުނު 8 އިން ރޭގަނޑު 8 އަށް

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗްގައި ފުލޫ ކްލިނިކެއް ޤާއިމްކޮށްފިއެވެ.

މިކްލިނިކްގެ ޚިދުމަތް ދެނީ އައިޖީއެމްއެޗް ތެރޭގައި ހުންނަ ލުއިބުއިން ޓޭކްއަވޭ ކައިރީގައި ޤާއިމްކޮށްފައިވާ އެހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް 10އަކުންނެވެ.

މިކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 8 އަށް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.

ޙައްޖުވެރިންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކްލިނިކެއް ޤާއިމްކުރިއިރު އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ އަންގާރަދުވަހު ހާމަކޮށްފައެވެ.
އަދި މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު 1150 މީހުންވަނީ ގޮސްފައެވެ. އޭގެ ތެރެއިން 1149 މީހަކުވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.