ޚަބަރު

ބަކާ ވަކިވެގެންދިޔައީ ދުނިޔަވީގޮތުން ވަރަށް ގިނަ ފިލާވަޅުތަކެއް އުނގަންނައިދީފައި: ނައިބު ރައީސް


  • ބަކާގެ ޙަޔާތުން ޒުވާން ޖީލަށް ވަރަށް ގިނަ ފިލާވަޅުތަކެއް ބުނެދީފި ކަމަށް ވިދާޅުވި

  • ސައްޙަ އަޤީދާގެ މަތީގައި ހުރުމުގެ ފުރިހަމަ ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވި

  • ބަކާގެ ބައިވެރިވުމާއެކު ދިވެހި ޤައުމީ ޓީމަށް އެތައް ރީތި ނަމެއް ހޯދާދީފައިވޭ

ރާއްޖޭގެ ފުޓުބޯޅަ ތަރި މުޙައްމަދު އާރިފް، ބަކާ ވަކިވެގެންދިޔައީ ދުނިޔަވީގޮތުން ވަރަށް ގިނަ ފިލާވަޅުތަކެއް އުނގަންނައިދީފައި ކަމަށާއި، އެއީ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ބެލިއަސް ނަމޫނާ ލިބިގަންނަން ޖެހޭ ޙަޔާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ބަކާގެ ހަނދާނުގައި ޕީއެސްއެމުން ގެނެސްދިން ޚާއްސަ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ބަކާ މުޅި ދިވެހިރާއްޖެއަށް ބުނެދިނީ ހަޔާތަކީ ވަގުތެއް އޮތް އެއްޗެއް ނޫންކަމަށާއި އަބަދުމެ ތައްޔާރަށް ތިބެންޖެހޭކަންކަމަށެވެ. ބަކާގެ ޙަޔާތުން ޒުވާން ޖީލަށް ވަރަށް ގިނަ ފިލާވަޅުތަކެއް ބުނެދީފިކަމަށާއި، ކޮންމެ ކަމެއް ދިރިއުޅުމުގައި ކުރިނަމަވެސް ސައްޙަ އަޤީދާގެ މަތީގައި ހުރުމުގެ ފުރިހަމަ ނަމޫނާ ދައްކައިފިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ބަކާ އެ ދިޔައީ ދުނިޔަވީ ވަރަށް ގިނަ ފިލާވަޅު ދަސްކޮށްދީފައި. ދިރިއުޅުން ކޮންމެ ވަގުތެއްގައިވެސް ނިމިދާނެކަމާއި، އެކަމަށް އަބަދުމެ ތައްޔާރަށް ތިބެންޖެހޭކަން ބުނެދެމުން. އަޤީދާ ސައްޙަ ގޮތުގައި ދެމެހެއްޓުމުގައި ޒުވާން ޖީލު ނަމޫނާ ލިބިގަތުމަށް އެދެން." ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

ނައިބު ރައީސްވަނީ، ކުޅިވަރުގެ ތެރެއިންނާއި އަދި ގާތް ރަޙުމަތްތެރިއެއްގެ ގޮތުން ބަކާއާއެކު ހޭދަކުރި ވަގުތުތަކުގެ ހަނދާން އައުކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ ބަކާއާއި ފުރަތަމަ ބައްދަލުވީ ގަލޮޅު ދަނޑަށް މެޗުތައް ބަލަން ދިއުމުގެ ތެރޭގައި އާއި އެމަނިކުފާނުގެ އުފަން ރަށް ފަރެސްމާތޮޑާގެ އެކިއެކި މުބާރާތްތައް ކުޅުނު ދުވަސްވަރުކަމަށެވެ. އޭގެފަހުން އެކުވެރިކަން އާލާވެ، ދެމެހެއްޓިކަމަށެވެ.

ބަކާއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. ނައިބު ރައީސް ވިދާޅުވީ ބަކާއަކީ ފުޓުބޯޅައިގައި މޮޅު ކުޅުންތެރިއަކަށްވުމަށް ގަދައަޅާ މަސައްކަތްކުރި، އަދި އެކަން ޙާސިލްކުރި ކުޅުންތެރިއެއްކަމަށެވެ. ބަކާގެ ބައިވެރިވުމާއެކު ދިވެހި ޤައުމީ ޓީމަށް އެތައް ރީތި ނަމެއް ހޯދާދީފައިވާއިރު، ކްލަބް ފުޓުބޯޅަ ކުރިއެރުވުމަށްވެސް ގިނަ ޚިދުމަތްތަކެއް ކުރައްވަމުންދިޔަ ކުޅުންތެރިއެއްކަމަށް ވިދާޅުވިއެވެ.

"90 މިނެޓު ދަނޑުމަތީގައި ވަރުބަލި ކަމެއް ނެތި ހޭދަކުރި ކުޅުންތެރިއެއް ބަކާއަކީ. ރީތި ކުޅުމެއް ކުޅުނު، ޑިސިޕްލިން ކުޅުންތެރިއެއް އެއީ. މިއީ ކުޅިވަރުގައި އުޅޭ ކޮންމެ ކުޅުންތެރިއެއް ބަކާ ކައިރިން ދަސްކުރަންޖެހޭ ކަންކަން." ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

ކުޅިވަރު ކުޅުމާއި އުނގަންނައިދިނުމާއި އަދި އަމިއްލަ ދިރިއުޅުމަށް މަސައްކަތް ކުރަމުންވެސް ބަކާ ދީނީ ކަންކަމަށް ބަހައްޓަމުންދިޔަ އަހަމިއްޔަތުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރެކްޓިސްގައާއި ރައްޓެހިންނާއެކު ބޭރުގައި އުޅެމުންވެސް ނަމާދު ވަގުތާއި ދީނީ ކަންކަމަށް ދިން ސަމާލުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ކޮންމެ މީހަކުމެ މިސާލު ލިބިގެންނަންޖެހޭ ކުޅުންތެރިއެއް ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް މުހައްމަދު އާރިފް، ބަކާ ސިފަކުރެއްވީ ބުރަ ދިރިއުޅުމެއްގައިވެސް އާއިލާއަށް ވަގުތުދީ އާއިލީ ކަންކަމަށް ސަމާލްކަން ދިން ހެޔޮލަފާ މީހެއްގެ ގޮތުގައެވެ. އަނބިދަރިންގެ ކަންކަން ބެލެހެއްޓުމާ އާއިލީ ކަންކަމަށް ބަކާއަކީ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ.

"ދަރިންނާއި އާއިލީ ކަންކަމަށް ވަރަށް އިސްކަން ދެއްވި. އާއިލީ ލޯބީގައި ނަމޫނާ ފަރާތެއް. ދަރިން ވަގުތަށް ސްކޫލަށް ގެންދިއުމާއި އާއިލީ ކަންކަމަށް އިސްކަންދިން." ނައިބު ރައީސް ވިދާޅުވިއެވެ.

ބަކާއަކީ މުޅި މުޖުތަމަޢުގެ ލޯބި ލިބުނު، ހުރިހާ ދިވެހިން ބަލައިގެން ކުޅުންތެރިއެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް ކުޑަކުދިން ނެރެ، ޚާއްސަކޮށް އުފަން އަތޮޅު އައްޑޫ ސިޓީގައި ކުޑަކުދިންނަށް ކުޅިވަރު ދަސްކޮށްދޭ އެކެޑަމީއެއް އުފައްދަން ބޭނުންވާ ވާހަކަ އަބަދުވެސް ދައްކަމުންދިޔަކަމަށެވެ.