ޚަބަރު

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެވަނަ ބެޗުގައި ބައިވެރިވާން ހުޅުވާލައިފި


  • ފޯމު ހުށައެޅޭނީ އަންނަ މަހުގެ 5ވަނަ ދުވަހާ ހަމައަށް

  • ގްރޭޑް 10،11،12 ގެ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ބައިވެރިވެވޭނެ

  • ޚުތުބާ ކިޔުމާއި އިމާމުވެނަމާދު ކުރުމާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައް ދޭނެ

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޚާއްސަ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު ޖުލައި 5ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ.

ދެވަނަ ބެޗްގެ އިމްތިހާނު ރާއްޖޭގެ 3 ސަރަހައްދެއްގައި ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި މ.އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްނެންގެވުމަށް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައްދީ، އެކަމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭނެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް މަރޗުމަހު ބޭއްވި ފުރަތަމަ ޕްރޮގްރާމްގައި 160އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާއިރު، 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. މިޕްރޮގްރާމްގެ ސަބަބުން، ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މިޕްރޮގްރާމްގެ މަޤްޞަދެކެވެ.