ޚަބަރު

ބެލްޖިއަމުން މޮޅުވުން ނޫން ވިސްނުމެއް ނުގެންގުޅޭ: ޓެޑެސްކޯ


"
މެޗަކުން އެއްވަރުކުރަން ބޭނުންވާ ރެސިޕީއެއް އަހަރެންނަށް ކިޔައިދޭކަށް ނޭނގޭ، މެޗުން މޮޅުވުން ނޫން ވިސްނުމެއް ނެތް.
ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ

ޔޫރޯ 2024 ގެ ގްރޫޕް އީ ގައި މިރޭ ޔޫކްރޭނާ ދެކޮޅަށް ނިކުތުމުގެ ކުރިން ބެލްޖިއަމްގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ ބުނީ، ޔޫކްރޭނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ނިކުންނައިރު އޭނާގެ ޓީމުން މޮޅުވުން ނޫން ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، މެޗު އެއްވަރުކޮށްލައިގެން ހިސާބުތަކެއް ޖަހައިގެން ކުރިއަށްދިއުމާ މެދު ވެސް ނުވިސްނާނެ ކަމަށެވެ.

ޓެޑެސްކޯ މިހެން ބުނީ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޓެޑެސްކޯ ވަނީ، މެޗެއް އެއްވަރުކޮށްލުމަށްވުރެ ބޮޑަށް މޮޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަކި އުނދަގުލެއް ނޫން ކަމަށާއި، މެންޓަލީވެސް މާބޮޑު އުނދަގޫތަކެއް ނޯންނާނެ ކަމަށެވެ.

މެޗުގެ އެންމެ ފަހުވަގުތު ކޮޅަށް ދާއިރު އޮންނަ ނަތީޖާގައި ދެމި އޮންނަން ކުރަންޖެހޭ މަސައްކަތްތައް އެ މެޗެއް ފެށޭ ހިސާބުން އޮޅުންނާރާ ގޮތަށް ކުރަން އޭނާގެ ޓީމަށް އެނގޭނެ ކަމަށް ވެސް ޓެޑެސްކޯގެ ވާހަކައިގައި ފާހަގަކުރިއެވެ. އެހެންކަމުން ޔޫކްރޭން މެޗަށް ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.

ޔޫކްރޭންގެ ކުޅުމާ ބެހޭގޮތުން ޓެޑެސްކޯ ބުނީ، އެމީހުންގެ އޮތް އެންމެ ބޮޑު ނުރައްކަލަކީ ކައުންޓައެޓޭކުތައް ކަމަށާއި، އެއީ އެ ޓީމުގެ ފޯވާޑްލައިންގައި ތިބި ހަލުވި ކުޅުންތެރިންގެ ސަބަބުން ކަމަށެވެ. އެ ޓީމުގެ އަމާޒަކަށްވެފައި އޮންނަނީ ގިނަވަގުތު ބޯޅަ ގެންގުޅެ، މެޗުގެ ކޮންޓްރޯލް އަތުލުމަށް ކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.

"އެމީހުން ކުޅެނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ޕޮޒިޝަނަލް ގޭމެއް،" ޓެޑެސްކޯ ބުންޏެވެ.

މިހާތަނަށް ޔޫކްރޭނުން ކުޅުނު ކޮންމެ މެޗެއްގައި އިދިކޮޅު ޓީމުތަކަށް އުނދަގޫތައް ކުރިމަތިކޮށްފައިވާ ކަމަށާއި، އެގޮތުން އިންގްލެންޑާއި އިޓަލީ އަދި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުތައް ބަލާލުމުން އެކަން އެނގިގެންދާނެ ކަމަށް ވެސް ޓެޑެސްކޯ ވަނީ ބުނެފައެވެ. އަދި ޔޫކްރޭނަށް ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އެންމެ މަތީ ލެވެލްގައި ވާދަކޮށްލުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ވެސް ޓެޑެސްކޯ ބުނެފައިވެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔޫކްރޭނާ ބެލްޖިއަމް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.