މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު އާރިފްގެ ޖަނާޒާ ބާއްވައިފިއެވެ. ޢުމުރުން 38 އަހަރުގެ މުޙައްމަދު އާރިފް ނިޔާވީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެއަށް އައިފަހުން ހުން އައިސް ޙާލު ބޮޑުވެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އަންގާރަ ދުވަހުގެ އިރާކޮޅުގައެވެ.
ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފިލްޑަރު މުޙައްމަދު އާރިފްގެ ކަށުނަމާދުކޮށްފައިވަނި އިސްލާމީ މަރުކަޒުގައެވެ. އާރިފް ވަޅުލާފައިވަނީ ފަތިސް ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މުޙައްމަދު އާރިފްގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވިއެވެ.
ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ހޯދި ޓީމުގައި މުޙައްމަދު އާރިފަކީ މުހިއްމު ކުޅުންތެރިއެކެވެ. ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގައި އޭނާ ނުފެންނަނީ އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުންނެވެ. ނަމަވެސް ރަސްމީކޮށް ކުޅުން ހުއްޓާލިކަން ހާމަކޮށްފައެއް ނުވެއެވެ.
ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައިވެސް މުޙައްމަދު ޢާރިފް ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށް މީގެކުރިން ކުޅެފައެވެ. އަދި ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއްވެސްވަނީ ހޯދާފައެވެ.
މުޙައްމަދު އާރިފަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތުމަތު ފިލްޒާގެ ފިރިކަލުންނެވެ.