ޚަބަރު

ފުވައްމުލަކުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފި


  • ފުލުހުން ވިދާޅުވީ ދޫޑިގަން އަވަށުގައި ހިންގި ޑްރަގް އޮޕަރޭޝަނަށް ބަޔަކު ހުރަސް އެޅިކަމަށް

  • މިހަމަނުޖެހުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި

ފުލުހުންގެ ޑްރަގް އޮޕަރޭޝަނަކަށް ހުރަސް އެޅި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފުވައްމުލަކު ދޫޑިގަން އަވަށުގައި މިރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި، އިތުރު ބަޔަކު އެތަނަށް އައިސް ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށެވެ.

މިކުރިމަތިލުމުގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

އަދި މިމައްސަލައާ ގުޅިގެން ޕޮލިސް ސްޓޭޝަނަށް ކުރިމައްޗަށް އެއްވި މީހުންގެ ތެރެއިން މީހަކު ޕޮލިސް ސްޓޭޝަންތެރެއަށް ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މިމައްސަލައާ ގުޅިގެން ޖުމްލަ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.