ޚަބަރު

އިޤްތިޞާދީ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރަން ރައީސް ކުރައްވާ މަސައްކަތްތަކަށް އިބްރާހިމް ދީދީގެ ތައުރީފް


  • ޢިޤްތިޞާދު ސަލާމަތްކުރަން ޚާއްސަ ސަމާލުކަމެއްދޭންޖެހޭ ކަމަށް ވިދާޅުވި

  • ދަރަނި ދެއްކުމަށް ސަރުކާރުން އިސްކަންދެއްވާކަން ފާހަގަކުރެއްވި

  • މިނިވަން ޤައުމެއްގެ ގޮތުގައި އޮވެގެންވެސް ޤައުމުތަކާ ގުޅުން ދެމެހެއްޓޭނެ

އިޤްތިޞާދީ އަޅުވެތިކަމަށް ޤައުމު ގޮސްފިނަމަ އޭގެ ގެއްލުން ރައްޔިތުންނަށްވެސް ކުރިމަތިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ އިޤްތިޞާދީ އަޅުވެތިކަމުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ދީދީ ވިދާޅުއްވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާޙިމް ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ކޮންމެ މަސައްކަތްޕުޅެއް ބައްޓަންކުރައްވަނީވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މި ޤައުމު ބޭއްވުމަށްކަމަށެވެ. ރާއްޖޭގެ މަސްލަޙަތާ ގުޅޭ ކަންކަން ނިންމުމުގެ ބާރު ދިވެހިންނަށް ފުރިހަމައަށް އޮންނަން ޖެހޭކަމަށް އެމަނިކުފާނު ވަކާލާތުކުރައްވަނީ، އެފަދަ ނުފޫޒުތަކުން އެއްކިބާވުމަށް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މިވަންކަމާއެކު ނުފޫޒުން އެއްކިބާވެ ތިބުމަށް ބޭރުގެ ދަރަނިތައް އަދާކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން އިބްރާހީމް ދީދީ ވަނީ ސަރުކާރުން ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަންޖެހޭ 13 ބިލިއަން ރުފިޔާ ދެއްކުމުގެ އިތުރުން ބޭރުގެ ލޯނުތަކަށް 2.7 ބިލިއަން ރުފިޔާ ދައްކާފައިވާތީ އެކަމުގެ މުހިއްމުކަމުގެ މައްޗަށް މެންބަރު އަލިއަޅުއްވާލެއްވިއެވެ.

"އިޤްތިޞާދަކީ އެންމެންގެ ކަމެއް. ޤައުމު އަޅުވެތިކަމަކަށް ގޮސްފިއްޔާ އެންމެންވެސް އަޅުވެތިވާނެ. ކުރީގެ ދައުރުގައި މިއޮތީ އަޅުގަނޑުމެންނަށް ނޫޅެވޭވަރަށް އިޤްތިސާދީ ހާލަތު ނިކަމެތިކޮށްފައި. މިއަށްވުރެ ފަހަތަށް އިޤްތިޞާދު ގޮސްފިނަމަ އަޅުވެތިކަމަށްދާނީ. ކޮންމެސް ބައެއްގެ ނުފޫޒުގައި އަޅުގަނޑުމެން ޖެހޭނެ އެހިސާބުން އެނުފޫޒުން އަރައިގަތުމަށް ސަރުކާރުން ދަރަނި މިދައްކަނީ" މެންބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.

މެންބަރު އިބްރާހިމް ދީދީ ވަނީ 60 އަހަރުގެ ތެރޭގައި ރާއްޖެއިން ނުނަގާވަރަށް މިދިޔަ 5 އަހަރު ދަރަނި ނަގައިގެންވެސް ކުރިކަމެއް ފެންނަންނެތްކަމަށް ވިދާޅުވެ، އެފައިސާއަށްވީގޮތް މަޖިލީހާއި އެނޫންވެސް ކަމާގުޅޭ މުޢައްސަސާތަކުން ބަލަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އިޙުމާލުވި ފަރާތްތައް ޖަވާބުދާރީކޮށް އަދަބުވެސް ދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާޙިމް ދީދީ ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއި އަދި އެހެނިހެން ޤައުމުތަކާއެކުވެސް އޮންނަންޖެހޭ ގުޅުން ކަނޑައެޅިފައިވާ އިމުގެ ތެރެއިން ބޭއްވި ނަމަވެސް ރާއްޖޭގެ ކަންކަމަށް ބަސްބުނެ، ދިވެހިންގެ މައްޗަށް އެހެން ބައެއްގެ ނުފޫޒު ފޯރުވޭނެ އެއްވެސް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ޖާގަ ނުދެއްވާނެކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މިވީ މުއްދަތުގެ ތެރޭގައި ދެއްކެވީ އެ ނަމޫނާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. އަދި ރާއްޖެއާ އަވަށްޓެރި ޤައުމުތަކާއެކު އަދުގެ ސަރުކާރުން ބާއްވާނީ ދެ ފަރާތުންވެސް އެއްބަސްވާ މިނިވަން އަދި ގާތް ގުޅުންތަކެއްކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ..

މެންބަރު އިބްރާޙިމް ދީދީ ވިދާޅުވީ ޤައުމު މިހާރު ދަނީ ރަނގަޅު މިސްރާބަށްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ޤައުމުގެ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުން ވަގުތުދީ، ކެތްތެރިވާންޖެހޭކަމަށް އިބްރާޙިމް ދީދީ ވިދާޅުވިއެވެ.