ޚަބަރު

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟ ދިވެހީން ސަމާލުވާންވީ ކޮންކަމަކަށް؟


  • ޙައްޖުވެރިންގެ ތެރެއިން ވެކްސިން ޖެހުމަށްފަހު 2 ހަފްތާ ނުވަނީސް ފުރި ފަރާތްތައް ސަމާލުވާންޖެހޭ

  • މިދުވަސްވަރު ހުމުގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާ

  • ހުމާއި ރޯގާގެ އަސަރު ހުރިނަމަ އެހެން މީހުންނާއި ބައްދަލުވާނަމަ މާސްކު އަޅަންޖެހޭ

މެނިންގޯކޮކަލް އަކީ ބެކްޓީރިއާއެއްގެ ޒަރިއްޔާއިން ނޭވާލާ ނިޒާމަށް ޖެހޭ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މިބެކްޓީރިއާގެ ސަބަބުން ސިކުނޑިއާއި މައިބަދައިގެ ވަށައިގެންވާ ޓިޝޫތައް ހަލާކުކޮށްލާ އިންފެކްޝަނެއްކަމަށްވާ މެނިންގޖައިޓިސް ހަށިގަނޑުގައި އަށަގަންނުވައެވެ. އޭގެ ސަބަބުން ލޭގެ އިންފެކްޝަން ޖެހުމަށްވެސް މަގުފަހިވެއެވެ. އެހެންކަމުން މިއީ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް އެހެންނަމަވެސް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ.

މިއީ ރާއްޖޭގައި އުޅޭ ބައްޔެއް ނޫން، މިއީ ބޭރު ޤައުމަކުން އަންނަ މީހެއްގެ ކިބައިން އިމްޕޯޓްވާ ބައްޔެއް

ބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، އަޙްމަދު ފައިސަލް ވިދާޅުވީ މިބަލީގެ ނުރައްކާ އޮތީ ހަމައެކަނި ކުޑަކުދިންނަށް ނޫންކަމަށެވެ. ދިފާޢީ ނިޒާމު ދެރަ ކޮންމެ މީހަކަށްމެ މިބަލީގެ ނުރައްކާ އޮތްކަން ޑޮކްޓަރ ފާހަގަކުރެެއްވިއެވެ. ޑރ.ފައިސަލް ވިދާޅުވީ މިބެކްޓީރިއާގެ ސަބަބުން މީހާ އަވަހަށް ބަލިކޮށްލާ ވަރު ދެރަކޮށްލައެވެ. އެހެންކަމުން މިދުވަސްވަރު ހުން އަންނަނަމަ ޚާއްސަ ސަމާލުކަމެއް ދީ ރައްކާތެރިވުމަށް ޑޮކްޓަރ އިރުޝާދު ދެއްވިއެވެ.

ޑޮކްޓަރ ވިދާޅުވީ މިއީ ރާއްޖެއިން ފެންނަ ބައްޔެއް ނޫންކަމަށެވެ. އެގޮތުން މިވޭތުވެދިޔަ 20 އަހަރު ތެރޭގައި ރާއްޖެއިން ބަލި ފެނިފައި ނެތްކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިދުވަސްވަރު ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކޮށް ދިވެހިން އެނބުރިއައުމާއި ޚާއްސަކޮށް ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނައިރު ސަމާލުވުމަށް ޑޮކްޓަރ އިލްތިމާސްކުރެއްވިއެވެ. އެގޮތުން ޙައްޖުން އަންނަ މީހުންގެ ތެރެއިން ހުމާއި ރޯގާގެ އަސަރު ހުރި ފަރާތެއްނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ޑރ.ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ފަރާތަކާއި ބައްދަލުވުމަށްފަހު ހުމާއި ރޯގާ ޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށްވެސް ޑރ.ފައިސަލް އިރުޝާދުދެއްވިއެވެ.

ބަލި ޖެހެނީ ކިހިނެތް؟

ޑރ.ފައިސަލް ވިދާޅުވީ، މިބަލި ޖެހެނީ ގައިން ގަޔަށް އަރާ އެހެނިހެން ބަލިތައްވެސް ޖެހޭ ފަދައިން ހަށިގަނޑުން ނިކުންނަ ދަވައަކުންކަމަށެވެ. ޚާއްސަކޮށް ކުޅުގެ ޒަރިއްޔާއިންނެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު ބުރައިގެންދާ ތިކިތަކުން ބަލި ޖެހުމުގެ ފުރުސަތު އޮތްކަން ޑޮކްޓަރ ފައިސަލް ފާހަގަކުރެއްވިއެވެ. އެހެންކަމުން މާސްކު އެޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް ސަމާލުވާންޖެހެއެވެ.

ވެކްސިން ޖެހީ ބޭރަށް ފުރުމުގެ ކިތައް ހަފްތާކުރިން؟

ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ހަތިޔާރަކީ ޢާއްމު ސާފުތާހިރުކަމެވެ. އަދި ބަލިވެ އުޅޭ މީހުންނަށް މިދުވަސްވަރު ޒިޔާރަތް ނުކުރުމާއި، ހުމާއި ރޯގާގެ ޢަލާމާތެއް ހުރެއްޖެނަމަ މީހުންގެ ތެރެއަށް ނިކުމެ ނޫޅުމެވެ. އަދި މިބަލިން ރައްކާތެރިވުމަށްދެވޭ މެނިންޖައިޓިސް ވެކްސިން ޖެހުމެވެ.

މިވެކްސިންއާއި މެދު ސަމާލުވުމަށް ޑރ.ފައިސަލް ނަސޭޙަތްތެރިވެލެއްވިއެވެ. އެގޮތުން ބޭރަށް ފުރާ ފަރާތްތަކުން ޚާއްސަކޮށް ޙައްޖަށް ފުރުމުގެ 2 ހަފްތާ ކުރިން މެނިންޖައިޓިސް ވެކްސިން ޖެހުމުން ނޫނީ އެކަށީގެންވާ ގޮތުގައި ވެކްސިންގެ ފައިދާ ހަށިގަނޑަށް ނުކުރާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރ އިލްތިމާސްކުރެއްވިއެވެ.

ބަލީގެ ޢަލާމާތްތަކަކީ ކޮބާ؟

މިބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ޢާއްމުކޮށްފެންނަނީ އާދައިގެ ހުމާއި ރޯގާއިންވެސް ފެންނަ ޢަލާމާތްތަކެވެ. އެގޮތުން ހުން އައުމާއި، ކެއްސާ ކިނބިހި އެޅުން ފަދަ ކަންކަން ހިމެނެއެވެ. އެހެންނަމަވެސް މިބަލީގައި، ހުން ގަދަވުމުގެ ސަބަބުން މީހާގެ ގައިގެ ވަރު އެއްކޮށް ދެރަވާހާ ގަދަ ހުމެއް މިބަލީގައި އާދެއެވެ. އަދި ކަރާއި ކަނދުރާގައި ރިއްސާ ބާރެއް އަރާފައި ހުރުމާއި ގަދައަށް ބޮލުގައި ރިއްސުން ހިމެނެއެވެ. މިބަލީގެ ޢަލާމާތްތަކުގެ ތެރެއިން ހަށިިގަނޑުން ކުދި ބިހިތަކެއް ނަގައެވެ. އެހެންނަމަވެސް އެފަދަ ބިހިތައް ފެންނައިރު ބަލީގެ ނުރައްކާ ފުރާނައަށް އޮންނަ މިންވަރު ބޮޑުވާނެކަން ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ޢަލާމާތެއް ނުފެނުނު ނަމަވެސް މިދުވަސްވަރު އަންނަ ހުމާމެދު ސަމާލުވެ އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް ޑރ. އިލްތިމާސްކުރެއްވިއެވެ.

ބަލީގެ ނުރައްކާ އޮތީ ކޮންބަޔަކަށް؟

ބަލީގެ ރިސްކް ކެޓަގަރީގައި ހިމެނެނީ ދިފާޢީ ނިޒާމު ދެރަ މީހުންނެވެ. އެގޮތުން ތުއްތު ކުދިންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތަކާއި، އެކި ބަލީގެ ސަބަބުން ހަށިގަނޑު ދިފާޢީ ނިޒާމުގެ ތެރޭގައި ހިމެނޭ ލޭސާފުކޮށް ދިނުމުގެ މައި ގުނަވަންކަމުގައިވާ "ސްޕްލީން" ބައްޔެއްގެ ސަބަބުން ނަގާފައިވާ ފަރާތެއްނަމަ މިބަލިން ދުރާލާ ރައްކާތެރިވާންޖެހެއެވެ.

މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އަމިއްލައަށް ގޭގައި ފަރުވާކުރުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ޑޮކްޓަރީ ފަރުވާ ހޯދުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. މި ބަލީގައި ދެވޭ ފަރުވާއަކީ އެޑްމިޓްކޮށްގެން ދެވޭ ފަރުވާއެވެ. އާއްމުކޮށް މި ބަލީގެ ފަރުވާ ދޭން ހަފްތާއަކާ 10 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ބަލި ފަސޭހަވުމަށްފަހުވެސް އެކިކަހަލަ ޞިއްޙީ މައްސަލަތައް ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކައެވެ.

ބަލި ފަސޭހަވުމަށްފަހު ކުރިމަތިވާ އެކިކަހަލަ ޞިއްޙީ މައްސަލަތައް

* އަޑުއިވުމާ ފެނުމުގެ ޙިއްސަށް އަސަރުކުރުން
* ހަނދާން ނެތުން ނުވަތަ ސަމާލްކަން ދިނުމަށް އުނދަގޫވުން
* ހެލިފެލިވެ އުޅުމުގައި ހަށިގަނޑު ބެލެންސްކުރަން އުނދަގޫވުން
* ފިޓުޖެހުން

މިބަލި ޖެހޭ ކޮންމެ 10 މީހަކުން އެކަކުގެ ފުރާނަ ގެއްލިފައިވާކަން ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތާކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއީ ދިފާޢީ ނިޒާމު ބަލި މީހުންގެ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. މިއީ ރާއްޖޭގައި އުޅޭ ބައްޔެއް ނޫންކަމުން މިދުވަސްވަރު ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ހުމާއި ރޯގާގެ އެއްވެސް ޢަލާމާތެއް ހުރެއްޖެނަމަ ޑޮކްޓަރަށް ދައްކާ ބައްޔާއި މެދު ސަމާލުވާންޖެހެއެވެ. ޚާއްސަކޮށް ޙައްޖުން އަންނަ ފަރާތްތަކާއި ބައްދަލުވާ ފަރާތްތަކުންވެސް ހުމާއި ރޯގާ ޖެހިއްޖެނަމަ ސަމާލުވާންޖެހެއެވެ. މިދުވަސްވަރު މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި އަދި ބަލީގެ ޢަލާމާތްތައް ހުރި ފަރާތެއްނަމަ މާސްކު ބޭނުންކުރުން މުހިއްމެވެ.