ޚަބަރު

އެމްއެސްއެސްގެ އަމާޒަކީ ކަނޑުދަތުރު ކުރާ ފަރާތްތަކަށް ރަނގަޅުގޮތްތަކެއް ހޯދާދިނުން: ޝަރީފް


  • ކަނޑުދަތުރުކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ މުހިންމުކަމެއް

  • މިސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ޝަރީފް ވިދާޅުވި

  • މިދާއިރާއަށް މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިހާރުވަނީ ފަށާފައި

ކަނޑުދަތުރުކުރާ ފަރާތްތަކަށް ރަނގަޅު ގޮތްތައް ހޯދާދިނުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ސީފެއަރަރ ދުވަސް ފާހަގަކުރުމަށް އެމްއެސްއެސްގެ ގަަލޭނާގައި ބޭއްވި ހަރަކާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެވެ.

ބައިނަލްއަގްވާމީ ސީފެއަރަރ ދުވަހަކީ ކަނޑުދަތުރުކުރާ މީހުންކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މިދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކަނޑުދަތުރުކުރާ ފަރާތްތަކުން، ބައިނަލްއަޤްވާމީ ކަނޑުގެ ވިޔަފާރިއާއި، ދުނިޔޭގެ އިޤްތިޞާދާއި، މުޅި މަދަނީ މުޖުތަމަޢަށް ކުރާ މަސައްކަތް ދެނެގަތުމެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ ކަނޑުދަތުރުކުރާ ފަރާތްތަކަކީ ވަރަށް ބުރަ މަސައްކަތެއްކުރާ ބައެއްކަމަށެވެ. އަދި އާއިލާއާ ދުރުގައި އެތައް ދުވަހެއް ވަންދެން މަސައްކަތްކުރާއިރު މިކަމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްއެސްއެސްއިން އަބަދުވެސް މަސައްކަތްކުރާނީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ރަނގަޅު ގޮތްތަކެއް ހޯދާދިނުމަށްކަމަށެވެ.

" އެމްއެސްއެސްގެ ފަރާތުން މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހަދާ ދިނުމަށް އަބަދުވެސް މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ އުސޫލުތައް ހުންނާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް. އައު ކަމެއް އަތުވެއްޖެނަމަ އެކަންކަމަށްވެސް އެޓެންޑް ކުރާނަން" ޝަރީފް ވިދާޅުވިއެވެ.

އެމްއެސްއެސްގެ ގަލޭނާގެ ކެޕްޓަން މުސްތަފާ އިބްރާހިިމްވަނީ ބޯޓް ދަތުރުކުރުމުގެ އޭނާގެ ތަޖުރިބާ ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރައްވާފައެވެ. މުސްތަފާ މިދާއިރާގައި މަސައްކަތް ކުރާތާ މިހާރު 40 އަހަރު ވެފައިވާކަމަށެވެ. މުސްތަފާ ބުނީ ކުރިއާ އަޅާބަލާއިރު މިސިނާއަތަށް ވަރަށް ބޮޑެތި ކުރިއެރުންތައް މިހާރު އައިސްފައިވާކަމަށެވެ. އަދި މިސިނާއަތުން ދިވެހިންނަށް ފުރުސަތު ދީ ދިވެހިން މިދާއިރާއަށް ނިކުންނަމުން ދާކަމީ އުފާ ކުރާކަމެއްކަމަށެވެ.

"މިހާރު ދެން ދުނިޔޭގެ ހުރިހާތާކު ޚިދުމަތްތައް ރަނގަޅުވެގެން ދިޔައީ. ދެން މިކުންފުނީގެ ޚިދުމަތްތަކަަށް ބަލާއިރު އެއްވަނަ ދެވަނަ ކެޓަގަރީގައި ހިމެނޭ ވަރަށް ޚިދުމަތްތައް ރަނގަޅު" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ކަނޑުދަތުރުކުރާ ހުރިހާ މީހުންގެވެސް އުންމީދަކީ ގައުމީ ޝިޕިން ލައިން ކުރިއަރާ ދިޔުންކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްއިންވަނީ މިދާއިރާއަށް ޒުވާނުން ތަމްރީނުކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މިޕްރޮގްރާމްގެ ދަށުން 3 މީހަކު ރާއްޖެއިން ބޭރުގައި ތަމްރީންވަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްއަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.