ޓުއަރިޒަމް

ފަތުރުވެރިކަމަށް އަލަށް ތަރައްޤީ ކުރައްވާ ރަށްތަކުގެ މަސައްކަތް


ފަތުރުވެރިކަމަށް މިހާރު ދޫކޮށްފައިވާ ރަށްތައް ތަރައްޤީ ކުރައްވަމުން ގެންދަވާގޮތާއި އަލަށް ސޮއިކުރެވޭ ރަށްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ޚާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވަމުން ގެންދަވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރުގެ ނާއިބު ހުޞައިން ޟިރާރު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން 5 އަހަރު ދުވަހުގެ ތެރޭގައި 50 ރިސޯޓް ހުޅުވުމަށް އަމާޒުހިފާފައިވާއިރު، އެއަމާޒަށް އަވަހަށް ވާސިލްވުމުގެ ގޮތުން ވަރަށް އިސްކަމެއް ދެއްވައިގެން އަލަށް ސޮއިކުރެވޭ ރަށްތަކާއި، މިހާރު މަސައްކަތް ކުރިއަށްދާ ރިސޯޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާ، ޕްރޮގްރެސް ރިޕޯޓް ނަންގަވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތަކެއް ކުރެވި، ވީހާވެސް ގިނަ ރިސޯޓްތައް ޓޫރިޒަމް މާރކެޓަށް އިތުރުކުރެވޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާކަމަށް ޟިރާރު ވިދާޅުވިއެވެ. މިފަދަ ގޮތަކަށް ރަށްތައް މާކެޓަށް ނެރެވިއްޖެނަމަ އިޤްތިޞާދަށް ކުރާނެ ފައިދާ މިނިސްޓަރުގެ ނާއިބު ފާހަގަކުރެއްވިއެވެ.

ފަސް އަހަރުގެތެރޭ 50 ރިސޯޓް މާކެޓަށް ނެރެ، ރާއްޖެ އަންނަ ފަތުރުވެރިން 5 މިލިއަނަށް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.