ޚަބަރު

ކޮޕާ އެމެރިކާ: ކޮސްޓަ ރީކާ ކައިރިން ބްރެޒިލް ސަލާމަތެއް ނުވި، ކޮލަމްބިއާއަށް މޮޅެއް


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅެ 0-0 އިން ބްރެޒިލް އެއްވަރުވިއިރު، ކޮލަމްބިއާ އިން ވަނީ 2-1 އިން ޕެރަގުއޭ އަތުން މޮޅުވެފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ޑީ ގެ އެއްވަނައިގައި އުޅެނީ ކޮލަމްބިއާ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލާއި ކޮސްޓަ ރިކާ އޮތީ އެއް ޕޮއިންޓާއެކު ދެވަނަ އަދި ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް ޕެރަގުއޭ އަށް ޕޮއިންޓެއް ނުލިބެއެވެ.

ގާތްގަނޑަކަށް 67 ހާހެއްހާ މީހުން ކުޅިބަލަން ވަދެ ތިބި މެޗު ފެށިގެން ބްރެޒިލުން ގިނަ ހަމަލާތައް އުފައްދާފައިވާއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިފެންޑަރު، މާކީނޯސް ގޯލެއް ކާމިޔާބުކުރިއިރު ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އެ ބޯޅަ ފޮނުވާލިއިރު އެ ޓީމުގެ ރަފީނިއާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

އޭގެކުރިން މެޗުގެ 22 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ވިނީޝަސް ޖޫނިއާ ހިފައިގެންދިޔަ ބޯޅައިގައި ޕެނަލްޓީ އޭރިޔާތެރެއަށް ވަނުމުން ކޮސްޓަ ރިކާގެ ހަކްޒެލް ކީރޯސް ފައުލްކުރިކަމަށް އެޕީލްކުރިނަމަވެސް ރެފްރީ ސަމާލުކަމެއް ނުދިނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު، ލޫކަސް ޕަކޭޓާ ފޮނުވާލި ބޯޅައެއް ޕެނަލްޓީއޭރިޔާ ތެރޭގައި ހުރި ކޮސްޓަ ރިކާގެ ހުއާން ޕަބްލޯ ވާގަސްގެ އަތުގައި ޖެހުމުން ވެސް އެ ޓީމުން އެޕީލްކުރިއެވެ. މި ފަހަރުވެސް މެކްސިކޯގެ ރެފްރީ، ސެޒާ ރާމޯސް ސަމާލުކަމެއް ނުދިނެވެ.

އޭގެފަހުން، މެޗުގެ 69 ވަނަ މިނެޓުގައި ޕަކޭޓާ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ކޮސްޓަ ރިކާގެ ކުއިރޯސް އަތުން ބައިކޮޅަށް ވަންނަން ދިޔަ ބޯޅައެއް އެ ޓީމުގެ ކީޕަރު، ޕެޓްރިކް ސެކުއެރާ ސަލާމަތްކުރިއެވެ. އަދި އޭގެފަހުން، ގިލޭމޯ އަރާނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ސެކުއެރާ އެވެ.

މެޗު ނިމުމުގެކުރީން، ބްރެޒިލްގެ ފޯވާޑް، ރޮޑްރީގޯ އަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފޭގޮތްނުވިއިރު ކޮސްޓަ ރިކާގެ ކުޅުންތެރިއަކު ޕެނަލްޓީއޭރިޔާތެރެއިން ރޮޑްރީގޯ އަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ނުދިނުމުން ވެސް އެ ޓީމުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އަދި އޭގެފަހުން، މެޗުގެ އިތުރު ވަގުތުގައި ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ގިމަރޭޝް އަށް ހުސްކޮށް ހުރެ ފޮނުވާލަން ލިބުނު ފުރުޞަތުގެ ވެސް ބޭނުމެއް ނުހިފުނެވެ.

މެޗަށްފަހު ދެއްކި ވާހަކައިގައި ބްރެޒިލްގެ ކޯޗު، ޑޮރިވާލް ޖޫނިއާ ވަނީ، މެޗުގެ ނަތީޖާ ގޯސް ނޫން ކަމަށާއި، އޭނާގެ ޓީމުގެ ފަރާތުން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ ނޮވެންބަރު މަހު މަގާމާ ހަވާލުވި ކޮސްޓަ ރިކާގެ ކޯޗު، ގުސްޓާވޯ އަލްފާރޯ ބުނީ، އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

މި ގްރޫޕުގައި ހިމެނޭ ކޮލަމްބިއާ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ލީޑްނެގީ ޑެނިއެލް މުނޯޒް ބޮލުން ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެ ޓީމުގެ ކެޕްޓަން، ހަމޭސް ރޮޑްރިގޭޒް އެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޖެފާސަން ލާމާ ބޮލުން ކާމިޔާބުކުރި ގޯލުޖެހުމަށް އެހީތެރިވެދިނީ ވެސް ހަމޭސް އެވެ. މި ހާފު ނިމުނީ 2-0 އިން ކޮލަމްބިއާ ކުރީގަ އޮވެގެންނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ޕެރަގުއޭގެ ހޫލިއޯ އެންސިސޯ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ރާމޮން ސޯސާ އެވެ.

މި މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ޕެރޫއާ ކެނެޑާ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ޗިލީ ނިކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.