ވިޔަފާރި

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޗައިނާ، ހޮންގކޮންގގެ ޝައުގު


ރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ޗައިނާގެ އިތުރުން ހޮންގކޮންގއިން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ މަޝްވަރާތައް މިމަހުގެ 23 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތަކީ ހުޅުވާލެވިފައިވާ ސިޔާސަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ރާއްޖެއަކީ ކޮންމެ ޤައުމަކާއެކުވެސް ރައްޓެހި، ރަޙްމަތްތެރި، އެކި ޤައުމުތަކާއިއެކު ވިޔަފާރީގެ ގުޅުން ޤާއިމްކުރެއްވުމަށް ތައްޔާރަށް އޮތް ޤައުމެއްކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްކަމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ޤާއިމްކުރެއްވުމެވެ. އެގޮތުން ރާއްޖެއާއި ޗައިނާއާއި ދެމެދު އެކަމުގެ މަޝްވަރާތައް ފައްޓަވާފައިވާއިރު، މިހާތަނަށް ދެ ބައްދަލުވުމެއް ބާއްވަވާފައިވެއެވެ. އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޗައިނާގެ އިތުރުން ހޮންގކޮންގ ވެސް ރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

ރާއްޖެއާއި ޗައިނާގެ އިތުރުން ހޮންގކޮންގ ބައިވެރިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް މިމަހުގެ ތޭވީހުގައި ރާއްޖޭގައި ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވި. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މުހިއްމުކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައިން ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވުމުން ދިވެހިން ބާނާ މަހަށް ދުނިޔޭގެ ބާޒާރުގައި ކުރިން ލިބެމުންދިޔަ އަގުތައް މިހާރު ލިބެމުން ނުދާކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ގިނަ ޤައުމުތަކަކާ ދެކެވުނު ވާހަކަތަކުގެ ތެރެއިން ދިވެހިން ބާނާ މަހަށް އޭގެ ޙައްޤު އަގު ހޯދާދިނުމަށް ކުރެވޭ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވެގެންދާނެކަަމަށް ވަޒީރު ވިދާޅުވިއެވެ.

މުޙައްމަދު ސަޢީދު ވިދާޅުވީ، މިކަމުން މުޅި ދުނިޔެއަށް ދައްކުވައިދެނީ ޤައުމު ކިތަންމެ ކުޑަނަމަވެސް އަދި ބާޒަރު ކިތަންމެ ބޮޑު ޤައުމަކާއިއެކުވެސް އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމް ކުރުމާއިއެކު ވިޔަފާރި ކުރެވިދާނެކަން ކަމަށެވެ. ޗައިނާއާއި ހޮންކޮންގއާއިކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުން ރާއްޖޭގެ ވިޔަފާރިތަކަށް އެތަކެއް ފައިދާއެއް ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މަންޒިލްތަކުގެ ތެރޭގައި ޗައިނާ އަދި ހޮންގކޮންގ ހިމެނެއެވެ. ޗައިނާއާއި ހޮންކޮންގއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް 35 އިންސައްތައަށް އަރައެވެ.