ޚަބަރު

ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު މާލެއަށް އައިސްފި


  • ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕުގައި 296 ޙައްޖާޖީން ވަނީ އައިސްފައި

  • ދެވަނަ ފްލައިޓު އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއަށް އައިސްފިއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށް ބަހާލައިގެންނެވެ. ފުރަތަމަ ފްލައިޓުގައި މިއަދު 296 ޙައްޖުވެރިން ވަނީ އައިސްފައެވެ. ޙައްޖުވެރިންގެ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މެންދުރުފަހު 13:51 ގައެވެ.

ޙައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެއައުމަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. 3 ވަނަ ފްލައިޓު އަންނަމަހުގެ 1 ވަނަ ދުވަހު އަދި ފަހު ފްލައިޓު ޖުލައި 4 ވަނަ ދުވަހު އައުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް 1150 މީހުންވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް ގޮސްފައެވެ. އޭގެ ތެރެއިން 1149 މީހަކު ޙައްޖުގެ އަޅުކަން ވަނީ އަދާކޮށްފައެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ކުރިއަށްދިޔައީ އެހެން އަހަރުތަކަށްވުރެ މާ ފުރިހަމައަށްކަމަށާއި، އެގޮތަށް އެއިންތިޒާމުތައް ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އަޙަމިއްޔަތުކަމެއް ދެއްވިކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ކުރިއަށް އޮތްތަނުގައި ޙައްޖުގެ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަވެފައިވާތީ އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.