ޚަބަރު

ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކޮމިޓީއަށް ހާޒިރުކުރަނީ


  • މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ވަނީ ފާސްކޮށްފައި

ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މާލިއްޔަތު ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މާލީ ވަޒީރު ހާޒިރުކުރުމަށް ނިންމިނަމަވެސް ވަޒީރަށް ހާޒިރުވެވަޑައިނުގެންނެވުމުން ކޮމިޓީއަށް ބޭނުންވާ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

އެ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއް ކަމަށާއި މަޝްވަރާތައް ސިއްރުކޮށްދިނުމަށް ވަޒީރުގެ ސިޓީފުޅުގައި އެދިވަޑައިގެންނެވުމުން އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ކޮމިޓީ ސިއްރުކުރުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ފުރިހަމަވާނީ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ހާޒިރުކޮށްގެންކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދު ކުރައްވާފައިވާއިރު ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށްވަނީ ފާސްކޮށްފައެވެ.