ދުނިޔެ

ބޯކޯ ހަރާމް އިން އައިއެސްއާ ގުޅުމަށް ހަނގުރާމަވެރިން ފޮނުވާ


ނައިޖީރިޔާގެ ބޯކޯ ހަރާމް ގްރޫޕުން ލީބިޔާގައި ހަރަކާތްތެރިވާ އައި.އެސްއާ ގުޅުމަށް ހަނގުރާމަވެރިން ފޮނުވަމުންދާކަމުގެ ހެކިތަކެއް ލިބިފައިވާކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ނައިޖީރިއާގައި ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން އެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވީ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ލީބިޔާއަށް ދަތުރުކުރަމުންދާކަމުގެ ރޮޕޯޓްތައް ލިބިފައިވާކަމަށެވެ. އަދި އައި.އެސް އާއި ބޯކޯ ހަރާމުން ދެފަރާތުގެ މެދުގައި އޮތް ގުޅުން އެހެނިހެން ރޮގުންވެސް އިތުރުކުރަމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށް ބްލިންކެން ވިދާޅުވިއެވެ.

ބޯކޯ ހަރާމްއިން އައި.އެސްއަށް ސަޕޯޓްކުރާކަމަށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ބޯކޯ ހަރާމްއާއި އައި.އެސް ގުޅުން ބަދަހިވެފައިވަނީ ކިހާ މިންވަރަކަށް ކަމެއް އަދި ޔާގިންކުރާކަށް ނޭނގެއެވެ. ބްލިންކެން ވިދާޅުވީ ބޯކޯ ހަރާމްއާއި އައި.އެސްއާއި ދެމެދު ލޮޖިސްޓިކް އަދި މެޓީރިއަލްގެ ގުޅުންތައްވެސް ބަދަހިވަމުންދާކަމަށް ރިޕޯޓްތައް ލިބެމުންދާކަމަށެވެ. އަދި މިކަމަކީ ކަންބޮޑުވާކަމެއް ކަމަށާއި، މިކަން ގާތުން މޮނިޓަރ ކުރަމުންދާނެކަމަށް ބްލިންކެން ވިދާޅުވިއެވެ.

ބޯކޯ ހަރާމް ގްރޫޕާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވައިގެ އަސްކަރީ ބޯޓެއް ވިއްކުމަށް ނައިޖީރިއާގެ ސަރުކާރުން މިވަނީ އެމެރިކާގެ ކިބައިން އެދިފައެވެ. ބޯކޯ ހަރާމްއަކީ މީގެ 7 އަހަރުން ކުރިން ފެށިގެން ނައިޖީރިއާގެ ސަރުކާރާއި ދެކޮޅަށް އެޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގައި ގަދަވެގަންނަން މަސައްކަތް ކުރަމުންދާ ޓެރަރިސްޓް ގްރޫޕެކެވެ.